ރައީސް ޑރ. މުހައްމަދު މުއިއްޒު އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު ކަމަށް އިތުރު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

އެ މިނިސްޓަރުގެ ނައިބު ކަމަށް ރައީސް އައްޔަން ކުރެއްވީ މުހައްމަދު ޝަހުރީދެވެ. ޝަހުރީދަށް އެ މަގާމު ދިންކަން ރައީސް އޮފީހުން އަދި ހާމައެއް ނުކުރެ އެވެ.

ޝަހުރީދު ވިދާޅުވެފައި ވަނީ ސަރުކާރުން އެ މަގާމު ހުށަހެޅުމުން އޭނާ އެކަން ގަބޫލުކުރެއްވީ ކަމަށެވެ.

ޝަހުރީދަކީ 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ބިލެއްދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރެއްވި ބޭފުޅެކެވެ. އަދި ފ. އަތޮޅު ކައުންސިލް ރައީސްގެ އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި އޭނާ ވާދަކުރައްވާފައިވެ އެވެ. އެ ހުރިހާ އިންތިހާބަކުން އޭނާއަށް ލިބުނީ ނާކާމިޔާބީ އެވެ.

ޝަހުރީދުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރުގެ ނައިބުންގެ ގޮތުގައި ހަ ބޭފުޅުން މިހާރު ވެސް ތިއްބަވަ އެވެ. އެއީ ސުލްތާން ރާމިޒާއި އާމިނަތު ނާޒިމާ އާއި އާމިނަތު މާރިޔާ އާއި ޝަޖާހް ފިރާގާއި އާމިނަތު މުނާގެ އިތުރުން ޑރ. ފާތިމަތު ނިޝާން އެވެ.

ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އަދަދު 700 އަށް ވުރެ މަތިނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން އެތައް ފަހަރަކު ވިދާޅުވެފައިވެ އެވެ. އަދި އިސްތިސްނާ ހާލަތެއްގައި ނޫން ގޮތަކަށް ސިޔާސީ މަގާމްތަކަށް ބޭފުޅުން އައްޔަން ނުކުރައްވާނެ ކަމަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީއަށް އިތުރު ނައިބެއް ލެއްވީ ކޮން އިސްތިސްނާ ހާލަތަކާ ގުޅިގެން ކަމެއް ނޭނނގެ އެވެ.