މަޝްހޫރު ޓީވީ އެކްޓަރު ގައުހަރު ޚާންއާއި އޭނާގެ ފިރިމީހާ ޒައިން ދަރްބާރަށް ލިބުނު ދަރިފުޅު ޒިހާންގެ މޫނު އެންމެ ފަހުން ދައްކާލައިފި އެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު އެ ދެމަފިރިންނަށް ދަރިއަކު ލިބި އެ ދަރިފުޅުގެ ކަންކަން ސޯޝަލް މީޑއާގައި ހިއްސާކުރާއިރު އަބަދުވެސް އެ ކުއްޖާގެ މޫނު ހުންނަނީ ފޮރުވާފަ އެވެ.

އެހެން ނަމަވެސް މި ރަމަޟާން މަހު އެ އާއިލާއިން މައްކާއަށް ގޮސް އުމްރާ ކުރަމުން ދިޔައިރު ނަގާފައިވާ ފޮޓޯއެއްގައި ޒިހާންގެ މޫނު ވަރަށް ރީތިކޮށް ފެނެ އެވެ.

ހަރަމްފުޅު ތެރޭގައި ކައުބާ ވެސް އަރާ ގޮތަށް ނަގާފައިވާ އެ ފޮޓޯގައި ގައުހަރު އޭނާގެ ދަރިފުޅު އުރާލައިގެން ހުރިއިރު ކައިރީގައި ޒައިން ވެސް ހުރެ އެވެ.

އެ ފޮޓޯ ހިއްސާ ކުރަމުން އިންސްޓަގްރާމްގައި ގައުހަރު ބުނީ އޭނާގެ ދަރިފުޅު ދުނިޔެއަށް ތައާރަފް ކުރަން ބޭނުންވީ ހަރަމްފުޅުން ކަމަށެވެ.

"ޖަލަކް ދިކަލާޖާ"، "ބިގްބޮސް" ފަދަ ޝޯތަކުން އާއްމުންގެ މަގުބޫލުކަން ހޯދި ގައުހަރު ޒައިންއާ ކައިވެނި ކޮށްފައިވަނީ 2020 ވަނަ އަހަރު އެވެ.