ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުން ވައްކަންކުރާ މައްސަލަ ބޮޑުވެ، އެފަދަ އަމަލުތައް ހިންގާ މީހުންނާ މެދު ފިޔަވަޅު އަޅަން އެ ކުންފުނިން އިލްތިމާސްކޮށްފި އެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި، އެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާކަން ފާހަގަ ކުރެވި އެކަން ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށެވެ.

ރޭ ފަތިހު އަދި މިރޭ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވީ ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމުން ކަމަށް ފަހުމީ ވިދާޅުވި އެވެ.

މިއީ މިކަން ކުރާ މީހުންނަށް ވެސް ބޮޑު ނުރައްކަލަކަށް ވާއިރު، މިއީ ކަރަންޓުގެ އަސާސީ ޚިދުމަތް 24 ގަޑިއިރު މެދުނުކެނޑި ދޭން އެ ކުންފުނިން ކުރަމުންގެންދާ މަސައްކަތަށް ވެސް އެޅޭ ހުރަހެއް ކަމަށް ފަހުމީ ވިދާޅުވި އެވެ.

"މިފަދަ ކަންކަން ކުރަމުންގެންދާ ފަރާތްތައް ހުއްޓުވައި އެފަރާތްތަކަށް ފިޔަވަޅު އަޅައިދީ، އަދި ވަގަށް ނަގައިގެން ވިއްކާ މިދަފަ ތަކެތި ގަންނަ ފަރާތްތަކަށްވެސް ފިޔަވަޅުއަޅައިދިނުމަށް ކަމާއި ބެހޭ ފަރާތްތަކަށް އިލްތިމާސް ކުރަން،" ފަހުމީ ވިދާޅުވި އެވެ.