މާލެ-ހުޅުމާލެ ގުޅުވައިދޭ ކަރަންޓު ވިއުގަ އަށް ގެއްލުންވާ ގޮތަށް އެ ސަރަހައްދުގައި ބިމަށް ދަގަނޑު ޖަހައި އިސްތިހާރު ބޯޑުތައް ނުބަހައްޓަން ސްޓެލްކޯއިން މިއަދު އިލްތިމާސް ކޮށްފި އެވެ.

މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ކޭބަލްތައް އަޅާފައި އޮންނަނީ މާލޭގައި ހުންނަ ސްޓެލްކޯއިން ފެށިގެން އުސްފަސްގަނޑު ސަރަހައްދުން ބްރިޖާއި ހައިވޭ ހުރަސްކޮށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެ ސަރަހައްދުގައި ބިލް ބޯޑު ހަރުކުރުމަށް ބިމަށް ގިނަ އަދަދެއްގެ ދަގަނޑު ޖަހާފައި ހުރެ އެވެ.

އެ މައްސަލާގައި ސްޓެލްކޯ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ މާލެއަށް ބޭނުންވާ ކަރަންޓުގެ ބޮޑު ޕަސެންޓޭޖެއް މިވަގުތު ފޯރު ކޮށްދެނީ އެ ކޭބަލް މެދުވެރިކޮށް ކަމަށެވެ.

އެ ވިއުގައަށް ގެއްލުމެއް ލިބިއްޖެނަމަ އެކަމަށް ގިނަ ހަރަދުތަކެއް ކުރަން ޖެހި އެތައް ވަގުތެއް ނަގާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ. އަދި މާލެ ސަރަހައްދަށް ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތައް ބުރޫއަރައި އެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

އެ ވިއުގައަކީ އެނަޖައިޒް ކޮށްފައިވާ ވިއުގައެއް ކަމަށާއި އެއިން ކޭބަލަކަށް ދަނގަޑު ފަދަ އެއްޗެއް ވަދެ، ގެއްލުމެއް ލިބިއްޖެނަމަ އެކަންކުރާ ބައެއްގެ ފުރާނައަށް ވެސް ނުރައްކާ ވެދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

"...މިފަދަ ކަންކަން ރެގިއުލޭޓްކޮށް ބަލަހައްޓާ ފަރާތްތަކާއި، މަގުކޮނެ، އިސްތިހާރު ބޯޑުތައް ޖެހުމުގެ ހުއްދަދޭ ފަރާތްތަކުން އިތުރަށް ޒިންމާދާރުވެ، މިކަންކަމަށް އިތުރު ސަމާލުކަންދީ، މިވިއުގަ ރައްކާތެރިކޮށް ބޭއްވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކޮށްދިނުމަށާއި، ކަރަންޓުގެ ހިދުމަތައް ބުރޫ ނާރާނެ އެންމެހާ ފިޔަވަޅުތަކެއް އަޅަމުން ގެންދިއުމަށް އިލްތިމާސް ކުރަމެވެ." ސްޓެލްކޯ އިން ބުންޏެވެ.

މި އެންގުމާ ހިލާފަށް އަމަލު ކުރުމުގެ ސަބަބުން އެ ކޭބަލްތަކަށް ގެއްލުންވެ ކަރަންޓުގެ ހިދުމަތަށް ބުރޫ އަރައިފި ނަމަ އެކަމުގެ ޒިންމާވާ ފަރާތްތަކަށް ދަޢުވާކޮށް މާލީ ގެއްލުމުގެ ބަދަލު ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންގެންދާނެ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.