ޗައިނާގެ ދިރާސާކުރާ އުޅަނދު ޝިއެން ޔެން ހޮން 3, ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަނުމުގެ ހުއްދަދީފައި ވަނީ ތާރީހީ ގޮތުން ދިވެހި ދައުލަތުން އަމަލުކޮށްފައި އޮތް ގޮތަށް ބެލުމަށްފަހު ކަމަށާއި، އެއްވެސް ދިރާސާއެއް ކުރުމުގެ ހުއްދަ ދީފައި ނުވާނެ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މަޢުމޫން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރު ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވަނީ ޗައިނާގެ އުޅަނދާ ގުޅޭ ގޮތުން ސުވާލުކުރައްވާފަ އެވެ.
މެންބަރު އިލްޔާސް ވިދާޅުވީ ޗައިނާގެ ދިރާސާކުރާ އުޅަނދެއް ކަމަށް ބުނާ އުޅަނދެއް ރާއްޖޭގެ ސަރަހައްދަށް ވަދެ، މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ރާއްޖެ ސަރަހައްދުގައި އުޅޭ ކަމުގެ މައުލޫމާތު ލިބޭ ކަމަށާއި، ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖޭގައި ބަނދަރުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ވެސް މިސަރަހައްދުގައި މިއުޅަނދު ހަރަކާތްތެރިވާއިރު، މިއުޅަނދު ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ހުއްދަދީފައިވަނީ ކޮންކަމަކަށް ބެލުމަށްފަހުތޯ އަދި އެ އުޅަނދު ކުރާ ދިރާސާއަކީ ކޮބައިތޯ މެންބަރު ލަބީބު ސުވާލު އުފެއްދެވި އެވެ.
މި ސުވާލުތަކަށް ޖާވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މި އުޅަނދު ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދީފައިވަނީ ތާރީހީ ގޮތުން ދިވެހި ދައުލަތުން އަމަލުކޮށްފައިވާ ގޮތަށް ބެލުމަށްފަހު ކަމަށެވެ. އެގޮތުން މި އުޅަނދު 2022 ވަނަ އަހަރު ވެސް ރާއްޖޭގެ ސަރަހައްދުގައި ހަރަކާތްތެރިވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޣައްސާން ވިދާޅުވީ ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި އެއްވެސް ދިރާސާއެއް ކުރުމަށް ހުއްދަ އެ އުޅަނދަށް ދީފައިނުވާ ކަމަށާއި ދީފައިވާ ހުއްދައަކީ އެ އުޅަނދުން ކްރޫއިން ބަދަލުކޮށް، ކާބޯތަކެތި އެރުވުމުގެ ހުއްދަ ކަމަށެވެ.
މިއުޅަނދާ ގުޅޭގޮތުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވަން ވެންބިން ބެއިޖިންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ ޗައިނާއިން ކަމާ ގުޅުންހުރި ކަނޑުގެ ސަރަހައްދުގައި ހިންގާ ސައިންޓިފިކް ރިސާޗް ހަރަކާތްތަކަކީ ސުލްހަވެރި ބޭނުމެއްގައި ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށާއި އޭގެ ބޭނުމަކީ އިންސާނިއްޔަތަށް ކަނޑުގެ ސައިންޓިފިކް ވިސްނުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
ޒިއަން ޔަންގް ހޮންގް 3 އާ ބެހޭ ގޮތުން ވަންގް ވިދާޅުވި ގޮތުގައި މި ހަރަކާތްތަކަކީ އދ. ގެ ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީގެ ޝަރުތުތަކާ ވަރަށް ބޮޑަށް ފެތޭ ހަރަކާތްތަކެއް ކަމަށެވެ.