ސަރުކާރު ހިންގާ ޕީއެންސީން މައްޗަންގޮޅި މެދު ދާއިރާއަށް ކެންޑިޑޭޓަކު ނެރެފައި ވަނިކޮށް، އެ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ އަހްމަދު ޒަމީރުގެ ކެމްޕޭން އިވެންޓެއްގައި ބައިވެރިވާން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ޒަމީރަކީ މާލޭ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރެވެ. ކުރިން އޭނާ ހުންނެވީ އެމްޑީޕީގަ އެވެ. ނަމަވެސް ރިޔާސީ އިންތިހާބުގައި މުއިއްޒަށް ތާއީދު ކުރައްވަން ނިންމަވައި އޭނާ ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ.

ޒަމީރަކީ ޕީއެންސީގެ ޕްރައިމަރީން ނާކާމިޔާބުވި ބޭފުޅެކެވެ. ޒަމީރަށް ލިބިވަޑައިގަތީ 127 ވޯޓެވެ. ޕްރައިމަރީ ކާމިޔާބު ކުރި ކެންޑިޑޭޓު، މުހައްމަދު އަބްދުލްގާދިރު (ކުކޫ) އަށް 174 ވޯޓު ލިބުނެވެ. ރައީސް މުއިއްޒު ވަނީ އެމަނިކުފާނު ސޮއިކުރައްވައި، ޕީއެންސީގެ ޓިކެޓު ކޫކުއަށް ދީފަ އެވެ.

ރައީސްގެ ތާއީދު އޮތީ ޒަމީރަށް ކަމަށް އަޑު ފެތުރިފައި ވަނިކޮށް، މިއަދު ޕީއެންސީގެ ރަސްމީ މީޑިއާ ވަޓްސް އެޕް ގްރޫޕަށް ފޮނުވި ދައުވަތު ކާޑުގެ ފޮޓޮއެއްގައި ލިޔެފައިވަނީ މިރޭ ބާއްވާ ޒަމީރުގެ ކެމްޕެއިން އިވެންޓުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑުގެ ކެމްޕެއިން ޖަގަހަ އިފުތިތާހު ކުރުމުގެ ރަސްމިއްޔާތަށް މައްޗަންގޮޅި މެދު ދާއިރާގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވަން، ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު،" ދައުވަތު ކާޑުގައި ލިޔެފައިވެ އެވެ.

ބައެއް ދާއިރާތަކުން ބަލިވި ކެންޑިޑޭޓުންނަށް ރައީސް މުއިއްޒު ތާއީދު ކުރައްވާ މައްސަލަ ވަނީ ހޫނުވެފަ އެވެ. ރައީސް އެފަދައިން ތާއީދު ކުރައްވާ ކެންޑިޑޭޓުންނަކީ

ބައެއް ދާއިރާތަކުގެ ޕީއެންސީގެ ކެންޑިޑޭޓަކު ހުރި ނަމަވެސް އަމިއްލަ ގޮތުން ވާދަކުރާ ބައެއް ކެންޑިޑޭޓުންގެ ކެމްޕެއިނުގައި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުން، އެއީ ރައީސް މުއިއްޒުގެ ތާއީދު އޮތް ކެންޑިޑޭޓުންނެވެ.

އޭގެ ތެރޭގައި ޒަމީރު ގޮތަށް ޕްރައިމަރީން ބަލިވި ކެންޑިޑޭޓުން ވެސް ހިމެނެ އެވެ. އޭގެތެރޭގައި ކުޅުދުއްފުށި ދެކުނު ދާއިރާއިން ބަލިވި އައިމަން މުހައްމަދާއި، ހުރާ ދާއިރާއިން ބަލިވި، ކުރީގެ މެންބަރު އަނާރާ ނައީމް ހިމެނެ އެވެ.

ޕީއެންސީގެ ޕްރައިމަރީގައި ބައިވެރިވެފައިނުވާ ކެންޑިޑޭޓަކަށް ވެސް ރައީސް މުއިއްޒު ވަނީ ތާއީދު ކުރައްވާފަ އެވެ. ޕީއެންސީގެ ކެންޑިޑޭޓަކު ހުއްޓައި ތިމަރަފުށީ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ އެ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ ބޭބެ އަހްމަދު ރިޔާޒަށް ރައީސް މުއިއްޒު ވަނީ ތާއީދު ކުރައްވާފަ އެވެ.