ރާއްޖޭގެ އިގްތިސާދުގައި ބުންވަރު ޖެހޭ މިންވަރަކުން މި ފަސް އަހަރުގެ ތެރޭގައި ހުރިހާ ދާއިރާއެއްގެ ވެސް މުސާރަ ބޮޑުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސްގެ ޖަވާބު" ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓުގައި ފުވައްމުލައް ސިޓީ، ނިއުވެލީ، އަލީ ޝަފީއު ކުރި ސުވާލުގައި ވަނީ ފުލުހުންގެ މުސާރަ ބޮޑުކޮށްފައި އެހެނިހެން މުއައްސަސާތަކުގެ މުސާރަ ބޮޑުކުރާނީ ކޮންއިރަކުތޯ ސުވާލުކޮށްފަ އެވެ.

ރައީސް ވިދާޅުވީ ގައުމުގެ އިގްތިސާދު ހަރުދަނާވެ، އިގްތިސާދުގައި ބުންވަރު ޖެހޭ މިންވަރަކުންނާއި އާމްދަނީ ލިބޭ މިންވަރަކުން ހުރިހާ ދާއިރާއެއްގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް ދިނުމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށެވެ. އެގޮތުގެ މަތިން ބައެއް ދާއިރާތަކުގެ މުސާރަ ބޮޑު ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިހާރު އެވަނީ ބައެއް ދާއިރާތަކުގެ މުސާރަ ބޮޑުކުރެވިފައި، ޕޭ ހާމަނައިޒް ކުރެވިފައި، ފުލުހުންނާއި ސިފައިންގެ ވެސް އަދި އެހެން ދާއިރާތަކުގައި ވެސް" ރައީސް ވިދާޅުވި އެވެ.

ކުރިއަށް އޮތް ތަނުގައި އެގޮތަށް ކުރިއަށްގެންދަވާނެ ކަމަށާއި އިގްތިސާދު ހަރުދަނާވާ މިންވަރަކުން އެކަންކަން ކުރުމަކީ ވައުދެއްކަމުގައިވާއިރު އެ ވައުދު ފުއްދަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.