އަންނަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓްގައި ސޮއިކުރަން ފަށައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު ހެނދުނު 10:00 ގައި ވޯޓާސް ލިސްޓްގައި ސޮއިކުރަން ފަށާފައިވާ ކަމަށެވެ. ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާނީ މާދަމާ ރޭ 12:00ގެ ނިޔަލަށެވެ.

ސޮއިކުރުން ކުރިއަށްދަނީ އިލެކްޝަން ކޮމިޝަނުގެ އިންތިޚާބާބެހޭ މަރުކަޒު، ދަރުބާރުގޭގަ އެވެ.

އެ ކޮމިޝަނުން ބުނީ ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަންވާނެ ކަމަށެވެ. ރަޖިސްޓަރީގައި ސޮއިކުރަން ވަޑައިގަންނަވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

މިފަހަރުގެ އިންތިހާބުގައި 93 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކުރާނެ އެވެ. ވެރިކަން ކުރާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީން ވެސް ވަރަށް ވާދަވެރި ކެމްޕޭން ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ.