އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޓިކްޓޮކްގައި މަޝްހޫރު މަރިޔަމް ސަމާ ޝަރީފް ކުރިއަށް ގެންދިޔަ ލައިވެއްގައި ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހޯދައިފި އެވެ.

ސަމާ ވަނީ ރޭގައި ކުރިއަށް ގެންދިޔަ އެއް ގަޑިއިރުގެ ލައިވްގައި އެހީގެ ގޮތުގައި 100،660ރ. އާއި 380 ޑޮލަރު ހޯދައިފަ އެވެ. މި ފައިސާ އޭނާ ހަވާލުކޮށްފައި ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާ އެވެ. ސަމާ ވަނީ އައިއޭސީގެ އެކައުންޓަށް ފޮނުވާފައިވާ ޓްރާންސްފާ ސްލިޕްގެ ފޮޓޯއެއް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.

އައިއޭސީއަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި ހާލުގައި ޖެހިފައި ތިބި މުސްލިމުންނަށް ދިވެހިންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭ މައިގަނޑު ޖަމިއްޔާ އެވެ. އެ ޖަމިއްޔާ އިން މީގެކުރިން ޣައްޒާ އަށް އެހީވުމަށް ތަފާތު ހަރަކާތްތައް ހިންގި އެވެ.

ޓިކްޓޮކް ލައިވްގައި ސަމާ ޣައްޒާގެ ރައްޔިތުންނަށް ފައިސާ ހޯދައި ދިން އިރު މީގެ ކުރިން ވެސް އެހީއަށް ބޭނުންވެފައިވާ ދިވެހިން ބައިވެރިކޮށްގެން އެ އާއިލާތަކަށް ވެސް ފައިސާގެ އެހީތެރިކަން އޭނާ ހޯދައި ދީފައިވެ އެވެ.

އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ 32،782 ޝަހީދުކޮށްލައި، 75،298 މީހުން ވަނީ ޒަހަމްކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.