ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މެޖޯރިޓީ އިދިކޮޅު އެމްޑީޕީއަށް ލިބިއްޖެނަމަ ދައުލަތުގެ ދެ ބާރުގެ މެދުގައި އޮންނާނީ ހަމަނުޖެހުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މަރަދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު އަމީތުގެ ކެމްޕޭން ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީގެ އަމަލުތަކުން ފެންނަނީ ހަމަނުޖެހުން އިހްސާސްވާތަން ކަމަށެވެ.

"އަބަދުވެސް ހަމަނުޖެހުމުގެ ރޫހުގެ އިހުސާސްވާތަން އަޅުގަނޑުމެންނަށް ފެންނަނީ. އެ ރޫހަށް އެ ވިސްނުމަށް އަޅުގަނޑުމެން ދެން ޖާގަ ދޭނެ ކަމެއް ނެތް," ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ހަމަޖެހުން އިސްކުރައްވައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރު ވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ކުރާ ކަމަކީ ސަރުކާރަށް ޖެއްސުން ކުރުން ކަމަށެވެ. އެހެންކަމުން އެ ޕާޓީއަށް މެޖޯރިޓީ ދީފިނަމަ ދެން ވެސް ކުރާނީ އެކަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހަމަނުޖެހުމަށް ޖާގަދީފިނަމަ ރައްޔިތުން ތިބޭނީ ބާކީވެފައި ކަމަށާއި ހަމަނުޖެހުމުގެ ތެރެއަށް ދާންވީ ސަބަބެއް ނެތް ކަމަށެވެ.

"ހަމަނުޖެހުމުގެ ސައިކަލްގެ ތެރެއަށް ދާންވީ ސަބަބެއް ނެތެއް ނޫންތޯ. ބޭނުންވަނީ ތަރައްގީ ގެނެސް ހަމަޖެހުން ގެންނަން."