ރާއްޖޭގެ ޒަކާތު ފަންޑުން ފަލަސްތީނު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެއްލައްކަ ޑޮލަރު ފޮނުވަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޒަކާތު ފަންޑުން ގާޒާއަށް ފޮނުވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނީ ގަތަރުގެ ރެޑްކްރެސެންޓް މެދުވެރިކޮށް ކަމަށެވެ. އެގޮތުން މިނިސްޓްރީން ބުނީ ފުރަތަމަ މަރުހަލާގައި ފޮނުވަން ގަސްތު ކުރަނީ އެއް ލައްކަ ޑޮލަރު ކަމަށެވެ.

މި ފައިސާ ފޮނުވާނީ ދެ ޕޭމަންޓަކަށް ބަހައިގެން ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ. އަދި މި ފައިސާ އަކީ ގާޒާގެ ރައްޔިތުންގެ ކާބޯތަކެއްޗަށް ހޭދަކުރުމަށްޓަކައި ފޮނުވޭ އެހީއެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

މިއީ ރާއްޖޭގެ ޒަކާތު ފަންޑުން ބޭރުގެ ފަރާތަކަށް އެހީވާ ފުރަތަމަ ފަހަރެވެ. ނަމަވެސް، މީގެ ކުރިން ދިވެހިން ވަނީ ގައުމީ ފެންވަރުގެ އެހީ ދެ ފަހަރެއްގެ މަތިން ގަތަރުގެ ރެޑްކްރެސެންޓް މެދުވެރިކޮށް ގާޒާއަށް ފޮނުވާފަ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމަށް 75 އަހަރުވެފައި ވާއިރު، އޮކްޓޫބަރު 7، 2023 އިން ފެށިގެން އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ ފަލަސްތީން މީހުންގެ އަދަދު ވަނީ 33،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި، އަންހެނުންނެވެ.