މާލޭގައި ޓެކްސީ ޑްރައިވަރުން އެކި އަގުތައް ނަގާތީ އެކަން ރިޕޯޓު ކުރެވޭ ގޮތް ހަދައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ ދަތުރު ކުރަން ބޭނުންވާ މަންޒިލެއްގެ ސަބަބުން ދަތުރު ކުރަން އުޒުރުވެރިވުމާއި ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ޓެކްސީ ދަތުރު ކުރުމުގެ ޝަކުވާ މިނިސްޓްރީ އަށް ލިބެމުންދާ ކަމަށެވެ. އެފަދަ ކަންކަމަކީ ޓެކްސީ ޑްރައިވަރުން ކުރުން މަނާ ކަންކަން ކަމުގައި އެ މިނިސްޓްރީން ބުންޏެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެފަދަ މައްސަލަތައް ރިޕޯޓު ކުރުމަށް ކިއު އާރު ކޯޑު މެދުވެރިކޮށް ސްކޭން ކުރެވޭނެ ކަމަށެވެ. އެ މިނިސްޓްރީން ވަނީ އެ ކިއު އާރު ކޯޑު "އެކްސް" ގައި އާންމުކޮށްފަ އެވެ.

ޓެކްސީތަކަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކަކީ މާލެ އިން ހުޅުމާލެ ދެވަނަ ފިޔަވައްސަށް 100ރ. އާއި މާލެ އިން ހުޅުމާލެ ފުރަތަމަ ފިޔަވައްސަށް 85ރ. އާއި މާލެ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 70ރ. އާއި ހުޅުމާލެ ފުރަތަމަ ފިޔަވަހިން އެއާޕޯޓަށް 80ރ. އާއި ހުޅުމާލެ ދެވަނަ ފިޔަވަހިން އެއާޕޯޓަށް 85ރ. އެވެ.

އެކަމަކު، މި އަގުތަކަށް ވުރެ ބޮޑުކޮށް ޑްރައިވަރުން ދަތުރު ކުރާ ކަމުގެ ޝަކުވާ އަބަދުވެސް އިވެ އެވެ.