އިންސާނީ ތާރީހުގައި ފާހަގަ ކުރެވޭ އެތައް ހާދިސާއެއް ހިނގާފައިވެ އެވެ. ގުދުރަތުގެ ނިޔާއަށް ގޮންޖެހި އެތައް ބަޔަކު ފާޅުކަން ބޮޑު ގޮތެއްގައި ބަލިކުރައްވާފައިވެ އެވެ. އޭގެ ތެރެއިން ފާހަގަ ކޮށްލެވޭ އެއް ހާދިސާއަކީ މީލާދީން 1912 ވަނަ އަހަރު ހިނގި "ޓައިޓޭނިކް" ފެތުމުގެ ހާދިސާ އެވެ.

1910 ވަނަ އަހަރު ޓައިޓޭނިކް ބަނުމުގެ މަސައްކަތް އެ ބޯޓުގެ ބެލެނިވެރި ކުންފުނި ވައިޓް ސްޓާ ލައިންއިން ފެށީ އެ ދުވަސްވަރު ބަނދެވޭ އެންމެ ފެންވަރު ރަނގަޅު ޕެސެންޖާ ލައިންގެ ގޮތުގައި ކަނޑަށް ނެރުމަށެވެ.

ޓައިޓޭނިކް ޕަސެންޖާ ލައިން

ކަން ވީ ވެސް އެހެންނެވެ. ދެ އަހަރު ދުވަހުގެ މަސައްކަތަށްފަހު ޓައިޓޭނިކް އިނގިރޭސި ވިލާތުގެ ސައުތު ހެމްޓަންގެ ބަނދަރަށް ގެނެވުނުއިރު އެއީ އެ ދުވަސްވަރު ދުނިޔޭގައި ނެތް ފެންވަރުގެ ޕަސަންޖާ ލައިން އެކެވެ.

ޓައިޓޭނިކްގައި ހުރި ފާހަގަ ކޮށްލެވޭ ހިދުމަތްތަކުގެ ތެރޭގައި ސްޓީމްޑް ސްވިމިން ޕޫލްތަކާއި ލައިބްރަރީގެ އިތުރުން ޕާސިއަން ރެސްޓޯރެންޓްތައް ހިމެނެ އެވެ. އެހެން ނަމަވެސް މިއިން ގިނަ ހިދުމަތްތައް ލިބެން ހުރީ ފަސްޓް ކްލާސް ފަސިންޖަރުންނަށް އެކަންޏެވެ.

ޖުމްލަ ހަތް މިލިއަން އެމެރިކާ ޑޮލަރު ހޭދަވި ޓައިޓޭނިކް ބަނުމުގެ ޕްރޮޖެކްޓަކީ ވައިޓް ސްޓާ ލައިން ކުންފުނީގެ ވެރިންނަށް ހާސިލްވި ބޮޑު ކާމިޔާބީ އެކެވެ. އެމީހުން ކުރި މަަސައްކަތުގެ މޮޅުކަމާއި ބޮޑުކަން ހާމަކުރުމުގެ ގޮތުން އެ ކުންފުނީގެ ވެރިން ޓައިޓޭނިކް ސިފަކުރީ ދުވަހަކުވެސް "ނުފެތޭނެ" ބޯޓެއްގެ ގޮތުގަ އެވެ.

ޓައިޓޭނިކް: އެހާރާއި މިހާރު

އެ ޔަގީން ކަމާއެކު ޖުމްލަ 2223 ފަސިންޖަރުންނާއި ކްރޫއިން ޓައިޓޭނިކްއަށް އެރީ 1912 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު އެވެ. އުއްމީދުތަކަކާއެކު އެ ބޯޓުގެ އެންމެ ފުރަތަމަ ދަތުރު ފެށީ އޭޕްރީލް 10 ވަނަ ދުވަހު ސައުތު ހެމްޓަންއިން އެމެރިކާގެ ނިއުޔޯކަށް ދިއުމަށެވެ.

ދަތުރުގެ ފުރަތަމަ ހަތަރު ދުވަސް ފާއިތުވެގެން ދިޔައީ އަމާން ކަމުގަ އެވެ. ކަންތައްތައް ބަދަލުވެގެން ދިޔައީ ކުއްލިއަކަށެވެ. ހީވެސް ނުކުރާހާ އަވަހަށެވެ.

އެޓްލާންޓިކް ކަނޑުގެ މެދުން ދަތުރު ކުރަމުން ދަނިކޮށް ބޯޓުގެ ކެޕްޓަނަށް އެ ބޯޓުގެ ކުރިމަތީގައި އޮތް ބިޔަ ގަނޑު ފެންގަނޑު ފެނުނީ އޭޕްރީލް 15 ވަނަ ދުވަހުގެ މެންދަމުން އަލިވެ 02:02ގަ އެވެ.

ޓައިޓޭނިކް މިހާރު އޮތް ގޮތުގެ ތްރީ ޑީ ސްކޭން

އެހެން ނަމަވެސް އޭރު މާ ލަސްވެއްޖެ އެވެ. ވަގުތު ފާއިތުވެއްޖެ އެވެ. ޓައިޓޭނިކް އޭގެ ބާރުމިނުގައި ގޮސް ގަނޑުފެންގަނޑުގައި ޖެހުނީ އޭގެ ގާތްގަނޑަކަށް 37 ސިކުންތު ފަހުންނެވެ.

ބޯޓު ގަނޑުފެންގަނޑުގައި ޖެހުމާއެކު ބޯޓުގެ ވަކި ސަރަހައްދެއް ފޫއަޅުވާލި އެވެ. ބާރު ސްޕީޑުގައި އެޓްލާންޓިކް ކަނޑުގެ ފިނި ފެން ބޯޓުގެ އެތެރެއަށް ވަދެ ޓައިޓޭނިކް ޣަރަގު ވާން ފެށި އެވެ.

މެންދަމުގެ ހަމަހިމޭން ވަގުތު ކަމަށް ވުމާއެކު ވެގެން އުޅޭ ގޮތް އަރާމު ނިންޖަކުން ނިދާފައި ތިބި އެތައް ބަޔަކަށް ނޭނގި ވެސް އެތައް ވަގުތެއް ހޭދަވި އެވެ. އެކަން އެނގޭ އެއް ކަމަކީ އެންމެ ފުރަތަމަ ލައިފްބޯޓު ކަނޑަށް ތިރި ކުރެވުނީ ހާދިސާ ހިނގިތާ ދެ ގަޑިއިރު ފަހުން ކަމަށް ވުމެވެ.

ޓައިޓޭނިކް: އެހާރާއި މިހާރު

ޓައިޓޭނިކްގައި ޖުމްލަ 64 ލައިފްބޯޓުގެ ޖާގަ ހުރި ނަމަވެސް އެ ވަގުތު ބޯޓުގައި ހުރީ އެންމެ 20 ލައިފްބޯޓެވެ. އެ 20 ބޯޓު ވެސް ކަނޑަށް ތިރި ކުރެވުނީ އެއަށް އެރޭ މީހުންނަށްވުރެ މާ މަދުން އަރުވައިގެންނެވެ. ނަތީޖާއަކަށްވީ ދަތުރުކުރި ގިނަ ބަޔަކު އެ ފިނި ކަނޑުގައި ކަނޑުވުމެވެ. ޖުމްލަ 1517 ފުރާނަ ގެއްލުމެވެ.

ހާދިސާއަށްފަހު ކުރެވުނު ތަހުގީގުގައި ވައިޓް ސްޓާ ލައިންގެ ގިނަ އިހުމާލުތަކެއް ފެންމަތިވި އެވެ. އެކަށީގެންވާ ވަރަށް ބޯޓުގައި ލައިފްބޯޓު ނެތުމާއި ބޯޓުގެ ނެވިގޭޝަން ސިސްޓަމްގެ ޓެކްނިކަލް މައްސަލަތައް ފަދަ މައްސަލަތަކެކެވެ.

މި ބޮޑު އިހުމާލާއެކު ޓައިޓޭނިކްއިން ދަތުރުކުރި މީހުންގެ އާއިލާތަކާއި ކާގޯ މުދަލުގެ މިލްކުވެރިން ވައިޓް ސްޓާ ލައިންގެ މައްޗަށް ދައުވާ އުފުލި އެވެ. ގެއްލުމުގެ ބަދަލު ހޯދުމަށް ހުށައެޅުނު މައްސަލަތަކުގެ އަގު ގާތްގަނޑަކަށް 16.4 ބިލިއަނަށް އަރަ އެވެ. ނަތީޖާއަކަށްވީ 1933 ވަނަ އަހަރާ ހަމައަށް އައި އިރު އެ ކުންފުނި އެއްކޮށް ބަނގުރޫޓު ވުމެވެ.

ޖޯސެފް ބްރޫސް އިސްމޭ: އޭނާއަކީ ޓައިޓޭނިކްގައި ދަތުރުކޮށް ސަލާމަތްވި މީހެއް

ކުރިމަތިލާން ޖެހުނު ބޮޑު ގެއްލުމާއެކު ވައިޓް ސްޓާ ލައިންގެ ވެރިޔާ ޖޯސެފް ބްރޫސް އިސްމޭގެ ހަޔާތް އެފުށް މިފުށަށް ޖެހުނެވެ. އެތައް ބައެއްގެ މަރުގެ ތުހުމަތު ބޮލުގައި އެޅި ޑިޕްރެޝަންގެ ފުން ވަޅުގަނޑަކަށް ވެއްޓުނެވެ. ސިއްހީ ހާލަތު ގޯސްވެ އެއް ފައި ބުރިކޮށްލަން ޖެހުނެވެ.

ހާލަތު އިތުރަށް ގޯސްވެ 1937 ވަނަ އަހަރު ޖެހުނު ބޮޑު ސްޓްރޯކެއްގެ ސަބަބުން އިސްމޭގެ ލޮލުގެ ފެނުން ގެއްލި ދުލުގެ ބާރު ދިޔަ އެވެ. މާ ގިނަ ދުވަސްތަކެއް ނުވެ އޭނާ މަރުވީ ސްޓްރޯކަށްފަހު ހޭނާރާ އޮވެ އެވެ. އާއިލާގެ މީހުން އޭނާގެ އެންމެ ފަހު އަހަރުތަކުގެ ދިރިއުޅުން ސިފަކުރީ "ދިރިހުރި މައްޔިތެއް"ގެ ގޮތުގަ އެވެ.

ގުދުރަތުގެ ނިޔާއަށް ގޮންޖެހުމުގެ ހިތި ނަތީޖާ ނިކަން ދެކިބަލާށެވެ. ނުފެތޭނެ ކަމަށް ބުނި ޓައިޓޭނިކް އެޓްލާންޓިކް ކަނޑަށް ޣަރަގުވެ އެއާ ވިދިގެން ހިނގި ކަންކަމަކީ ވިސްނައިފި މީހަކަށް ހުރި އިބުރަތެކެވެ. މާތް ﷲގެ ޔަދު ގުދުރަތުގެ ކުރިމަތީގައި އަހަރުމެން އިންސާނުންނަކީ ކިހާ ނިކަމެތި ބައެއް ހެއްޔެވެ؟