ރުޅިއަކީ އިންސާނުންގެ ތަބީއަތުގައިވާ މުހިއްމު އިހުސާސެކެވެ. ކަމަކާ ހިތްހަމަ ނުޖެހުމުން ނުވަތަ ބައެއް ފަހަރަށް ހިތްދަތި ވުމުން ވެސް ރުޅި އާދެވެ އެވެ.
އެކި މީހުން ރުޅި ކޮންޓްރޯލް ކުރަނީ އެކި ގޮތްގޮތަށެވެ. ބައެއް މީހުން ކައިރީގައި ތިބި މީހުންނަށް އެ ރުޅީގެ ވަރު ބާލާއިރު ބައެއް މީހުން ރުޅި ކޮންޓްރޯލް ކުރަނީ ބާލީހެއް އަނގަމަތީ އެޅުމަށްފަހު ހަޅޭއްލަވައިގެންނެވެ. ނޫނީ އަތް އިސްކޮށްގެންނެވެ.
މިފަހަރު މިއޮތީ ރުޅި ކޮންޓްރޯލް ކުރަން ޖަޕާނުގެ އުކުޅެކެވެ. ޖަޕާނުގެ މީހުންނަކީ ދުނިޔޭގައި ވެސް ނިސްބަތުން އުފާވެރި ބައަކަށް ވާއިރު އެމީހުން ރުޅި ކޮންޓްރޯލް ކުރަން ގެންގުޅޭ އުކުޅާމެދު ވިސްނާލުން ރަނގަޅުވާނެ އެވެ.
އެގޮތުން ޖަޕާނުގައި ކަމަކާ ހިތްހަމަ ނުޖެހުމުން ނުވަތަ ރުޅި އައުމުން އެންމެ ފުރަތަމަ ވެސް ކުރާ ކަމަކީ ގަލަމަކާއި ގަނޑެއް ހިފައިގެން ގޮސް ތަނެއްގައި އެކަނި އިނދެ އިހުސާސްތައް ލިޔުމެވެ. އެއަށްފަހު އެއްލާލުމެވެ. ނުވަތަ އަންދާލުމެވެ.
މިއީ ރުޅި ކޮންޓްރޯލް ކުރަން އެންމެ ރަނގަޅު ގޮތް ކަމުގައި ސައިންސްއިން ވެސް ސާބިތުކޮށްދީފައިވާ ކަމަށް ޖަޕާނުގެ ސައިންސްވެރިން ބުނެ އެވެ.
އެގޮތުން މިއީ އެންމެ ރަނގަޅު ގޮތުގައި އިހުސާސްތައް ބޭރު ކުރެވި ރުޅީގެ ސަބަބުން އިޖުތިމާއީ ގުޅުންތަކަށް ކުރާ އަސަރު ވެސް ކުޑަވެ އާއްމު ދިރިއުޅުން އުފާވެރި ކޮށްދޭ ކަމެއް ކަމަށް އެބޭފުޅުން ބުނެ އެވެ.
ގަލަމަކީ އިންސާނާގެ އެންމެ ގާތް އެކުވެރިޔާ ކަމުގައި ފިލޯސަފަރަކު ވިދާޅުވެފައިވެ އެވެ. އެހެން ކަމުން ދެން ރުޅި އަންނަ ފަހަރަކު އަތާއި ދުލުން ގޯސް ހެދުމުގެ ބަދަލުގައި އިހުސާސްތައް ލިޔެގެން ބޭރު ކުރާށެވެ.