ހދ. ކުޅުދުއްފުށިން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކޮށް އަލުން ހިދުމަތް ފެށިކަން އިއުލާން ކުރިތާ މާ ގިނައިރުތަކެއް ނުވަނީސް އެ ރަށުން މިއަދު ހެނދުނު އަނެއްކާ ވެސް ކަރަންޓު ކެނޑިޖެ އެވެ.
އުތުރުގެ އެންމެ އާބާދީ ބޮޑު ރަށުގެ ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާތާ މަހަކަށް ވުރެ ގިނަ ދުވަސްވަނީވެފަ އެވެ. އަދި އިއްޔެ ހެނދުނުން ފެށިގެން އެ ރަށުން އެއްކޮށް ކަރަންޓު ކެނޑުނެވެ. އެއީ ކަރަންޓު ދިނުމަށް ބޭނުންކުރާ 7 ޖަނެރޭޓަރުގެ ތެރެއިން 3 ޖެނެރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އެނދުމުގެ ސަބަބުން ކަމަށްވެ އެވެ.
އެކަމުގެ ޝަކުވާ ބޮޑުވެ، ރައްޔިތުން ޕްރެޝަރު ކުރިމަތިވުމުން ފެނަކަ ކޯޕަރޭޝަންގެ އެދުމުގެ މަތިން އިއްޔެ ހަވީރުގެ ވަގުތެއްގައި، ސްޓެލްކޯގެ އިލެކްޓްރިކަލް އަދި މެކޭނިކަލް އިންޖީނިއަރުން ހިމެނޭ ޓީމެއް ކުޅުދުއްފުއްޓަށް ގޮސް، ރޭ 8:00 ހާއިރު ކަރަންޓުގެ މައްސަލަ ހައްލު ކޮށް ރަށަށް ކަރަންޓު ދޫކުރި އެވެ.
އެކަމަކު، މިއަދުގެ ހެނދުނު ނުވައެއް ޖަހާކަންހާއިރުން ފެށިގެން މުޅިން ރަށުން އަނެއްކާ ވަނީ ކަރަންޓު ކެނޑިފަ އެވެ.
ކުޅުދުއްފުށިން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރަން ފެނަކައިން މިދިޔަ މަހު 27 ގައި އެ ރަށަށް 800 ކިލޯ ވޮޓްގެ ޖެނަރޭޓަރެއް ވެސް ފޮނުވި އެވެ. އާއެކު ޑިމާންޑާއި އެއްވަރަށް ކަރަންޓު ފޯރުކޮށް ދިނުމުގައި ދިމާވި ދަތިތައްވެސް ހައްލުވީ ކަމަށް ފެނަކަ އިން ބުންޏެވެ. ނަމަވެސް އެ މައްސަލަ އަށް ހައްލެއް އައިސްފައިވާތީ މިދިޔަ ދުވަސްތަކުގައި އެ ރަށުގައި މުޒާހަރާ ވެސް ކުރި އެވެ.