ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފި އެވެ.

އެޗްޑީސީން މި އެހީ ރައްދުކޮށްފައި ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިންނެވެ. އައިއޭސީއަކީ ދިވެހިން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި ނިކަމެތި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭ ދިވެހި ޖަމިއްޔާއެކެވެ. ދިވެހިންގެ ފަރާތުން މި ޖަމިއްޔާ އަށް ލިބުނު ވަރަށް ގިނަ އެހީތައް ވަނީ އެކި ގައުމުތަކުގައި ތިބި ރައްޔިތުންނާ ހަވާލުކޮށްފަ އެވެ.

އައިއޭސީން އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ސަދަގާތުގެ ގޮތުގައި އެޗްޑީސީން އެއް މިލިއަން ރުފިޔާ އެ ޖަމިއްޔާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެފަދަ ކަންކަމުގައި ދެއްވައި އެއްބާރުލުމާއި އިސްނެގުމަށް އެ ކުންފުންޏަށް ޝުކުރު އަދާކުރާ ކަމަށް ވެސް އައިއޭސީން ބުންޏެވެ.

އެޗްޑީސީން ހަވާލުކުރި އެހީގެ ފައިސާ، އޭގެ ހައްގުވެރި ފަރާތްތަކަށް ފޯރުކޮށްދީ ތަފްސީލު އާންމުކުރާނެ އައިއޭސީން ބުނެފައިވެ އެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި ފަލަސްތީނުގެ 33،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އަދި މި ހަމަލާތަކުގައި 76،000 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފަ އެވެ. އިސްރާއީލްގެ ހަމަލާތަކުގައި 1.9 މިލިއަން މީހުން ވަނީ އަމިއްލަ ގެދޮރު ދޫކޮށް ދާން ޖެހިފަ އެވެ. އަދި ޣައްޒާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުން މިހާރު ދަނީ ބަނޑުހައި ހޫނުކަން ތަހަންމަލު ކުރަމުންނެވެ.

ހާއްސަކޮށް ޣައްޒާގެ އުތުރުގައި އުޅޭ ރައްޔިތުންނަށް ބަނޑުހައި ހޫނު ކަން އިންތިހާ އަށް ވަނީ ކުރިމަތިވެފަ އެވެ. މިހާތަނަށް އައިއިރު ބަނޑުހައި ހޫނު ކަމުގެ ތެރޭގައި ވެސް ޣައްޒާ އިން 30 ވަރަކަށް ކުޑަކުދިން ވަނީ ޝަހީދުވެފަ އެވެ.