ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރެމުން އައި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓު ނުނެރޭތާ ތިން ހަފްތާވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓެއް އެންމެފަހުން ޝާއިއުކުރީ މިދިޔަ މަހުގެ 26, ގަ އެވެ. އެ ރިޕޯޓުގައި އޮތީ މާޗު 21, އާ ހަމައަށް ދައުލަތުގެ ހަރަދުތަކާ ގުޅޭ ތަފްސީލްތަކެވެ.

އޭގެ ފަހުން، މަހެއް ވާން ކައިރިވާ އިރުގައި ވެސް އެ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.

މި ރިޕޯޓަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ވަކި ހިސާބަކުން ފިނޭންސް މިނިސްޓްރީން ނެރެމުން އަންނަ ރިޕޯޓެކެވެ. އޭގައި އެ ހަފްތާއަކު ސަރުކާރުން ކުރާ ހަރަދުތަކުގެ ތަފްސީލް ހިމަނާފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެށިގެން އައި ދުވަސްކޮޅު ކަމަށްވާ މިދިޔަ ޖެނުއަރީ މަހު ވަކި ހިސާބަކުން ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު ނުނެރި ދުވަސްކޮޅެއް ދިޔަ އެވެ. އެކަމަކު، ފަހުން އަނެއްކާ ވެސް އެ ރިޕޯޓު އާންމު ކުރަން ފެށި އެވެ.

ރައީސް މުއިއްޒުގެ ސަރުކާރު ވެރިކަމަށް ވަޑައިގެންނެވީ ދެފުށް ފެންނަ ގޮތަށް ވެރިކަން ހިންގަވާނެ ކަމުގެ ވައުދާ އެކުގަ އެވެ. އެކަމަކު، ވެރިކަމަށް ވަޑައިގެންނެވި ފަހުން ބަހާއި އަމަލު ދިމާ ނުވާ ކަމުގެ ޝަކުވާ ރައްޔިތުން ދަނީ ކުރަމުންނެވެ.