އައްޑޫގައި ހަދާ ޕޮލިސް ޓްރެއިނިން އެކަޑެމީގެ ފަހުގެ މަސައްކަތްތައް ނިންމަން އިންޑިއާއިން 128 މީހުން ޗާޓަރު ފްލައިޓެއްގައި ރޭ ގެނެސްފި އެވެ.

ކޮޗިން އިން އެ މީހުން ގޮވައިގެން އައީ ސްޕައިސް ޖެޓްގެ ފްލައިޓެކެވެ. އެމީހުން ގޮވައިގެން އައި ފްލައިޓް ސ. ގަމަށް ޖެއްސީ ރޭ 8:45 ގަ އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި އިންޑިއާ އިން އައި އެންމެން ވެސް އައްޑުއަށް އައުމުގެ ކުރިން ކޮވިޑް ޓެސްޓު ހަދާފައިވެ އެވެ. އަދި އެއިން އެއްވެސް މީހަކު އެ ބައްޔަށް ޕޮޒިޓިވް ނުވާ ކަމަށް ވެސް އެނގިފައިވެ އެވެ.

ޕޮލިސް އެކަޑެމީގެ މަސައްކަތަށް އިންޑިއާއިން ގެނައި މީހުން ވެސް އޮންނަ އުސޫލުގެ ތެރެއިން 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރާނެ އެވެ. އަދި ކަރަންޓީނަށް ފަހު އެ މީހުން މަސައްކަތަށް ނުކުންނާނީ ވެސް ކޮވިޑަށް ޓެސްޓް ކުރުމަށްފަހު ކަމަށް އެނގިފައިވެ އެވެ.

އިންޑިއާއިން އައި އެންމެން ވެސް ކަރަންޓީނުކޮށްފައި ވަނީ ގަމުގައި ހުންނަ ދޫގަހުގަ އެވެ.

ޕޮލިސް ޓްރެއިނިން އެކަޑެމީގެ މަސައްކަތުގައި މިހާރު ވެސް އިންޑިއާގެ 150 އަށް ވުރެ ގިނަ މީހުން ހަރަކާތްތެރިވަމުން ގެންދެ އެވެ. އެ އެކެޑަމީ ހެދުމަށް އިންޑިއާއިން 18 މިލިއަން ޑޮލަރު ޚަރަދުކުރާ ކަމަށްވެ އެވެ.