އައްޑޫގައި 32 މެގަވޮޓްގެ ޕަވާ ޕްލާންޓެއް ހަދަން ޗައިނާގެ ޑޮންފަންގް އިލެކްޓްރިކް ކޯޕަރޭޝަންއާ ފެނަކަ ކޯޕަރޭޝަންއިން މިއަދު ހަވާލުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް ޕަވާ ޕްލާންޓަކާއެކު ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރަން ޗައިނާ ކުންފުންޏަކާ ހަވާލުކުރީ އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ޖަނަރޭޓަރުތަކަށް މައްސަލަ ޖެހި، ދޭތެރެ ދޭތެރެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑެމުން އަންނަތާ އެތައް ދުވަހެއްވީ ފަހުންނެވެ.

ފެނަކައިން ބުނީ މި މަޝްރޫއަކީ ޑޮންފަންގް އިލެކްޓްރިކްއިން ފައިނޭންސްކުރާ މަޝްރޫއަކަށްވާއިރު، ފެނަކައިން ފައިސާ ދައްކާ ނިންމަން ކަނޑައަޅާފައި ވަނީ 12 އަހަރު ދުވަސްތެރޭގައި ކަމަށެވެ. އަދި މި މަޝްރޫއު ފޭސްތަކަކަށް ބަހާލައިގެން ކުރިއަށް ގެންއުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފޭސްގައި އިންސްޓޯލް ކުރާނީ 9.8 ގެ ދެ ޖެން ސެޓާއި އަދި 5.8 ގެ ދެ ޖެން ސެޓް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ސޮއިކުރުމުގެ ރަސްމިއްޔާގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ޕަވާ ޕްލާންޓް ތަރައްގީ ކުރާނީ ޒަމާނީ ވަސީލަތްތަކާއެކު ކަމަށާއި، މަޝްރޫއު ނިމުމުން އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ކުރިއަށް އޮތް 20 އަދި 25 އަހަރަށް ހައްލުވެގެންދާނެ ކަމަށެވެ.

"މި ޕްރޮޖެކްޓަކީ 50 މެގަވޮޓްއަށް ކެޕޭސިޓީ އަޕްގްރޭޑް ކުރެވިގެންދާނެ ޕްރޮޖެކްޓެއް. އެގޮތުން ގުޅިފައިވާ ރަށްތަކާއި ހުޅުދޫ މީދޫއާ ބްރިޖަކުން ގުޅާލެވުމުން އެ ދެ ރަށަށް ވެސް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ،" އޭނާ ވިދާޅުވި އެވެ.