ކުޅިކޮށް ކެއުމަކީ ހިތުގެ ބަލިތައް ޖެހުމުން ދުރުކޮށްދީ އެ ފަދަ ބަލިތަކުގައި މަރުވުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ޖާނަލް އޮފް ދަ އެމެރިކަން ކޮލެޖް އޮފް ކާޑިއޮލޮޖީ ގައި ޝާއިރުކޮށްފައިވާ މި ދިރާސާގައި ބުނެފައިވާ ގޮތުން ކުޅި މިރުސް ކެއުމުން އޭގެ ސަބަބުން ހިތުގެ ބަލިތަކުން ދުރުކޮށްދެ އެވެ.

މި ދިރާސާ ހަދާފައިވަނީ އިޓަލީ ވިލާތުގެ 22000 އަށްވުރެ ގިނަ މީހުންގެ ކެއުމުގެ އާދަތަކާއި ސިއްހީ ހާލަތު ދިރާސާކޮށްގެންނެވެ. މިގޮތުން މިމީހުންގެ ތެރެއިން ހަފްތާއަކު މަދުވެގެން ހަތަރު ފަހަރު ކުޅިކޮށް ކާ މީހުންނަށް ހިތުގެ ބަލި ޖެހުމުގެ ފުރުސަތު 34 ޕަސެންޓް ކުޑަ ކޮށްދޭކަމަށް މި ދިރާސާގައިވެ އެވެ.

މީގެ އިތުރުން އެމެރިކާ އަދި ޗައިނާގައިވެސް ހެދި މިފަދަ ދިރާސާތަކުން މިކަހަލަ ނަތީޖާތަކެއް ފެނިފައިވާކަމަށް އެ ޖާނަލްގައި ބުނެފައިވެ އެވެ.

މިރުހުގެ ސަބަބުން ސިއްހަތަށް ފައިދާ ވަނީ މިރުހުގައި ހުންނަ ކެޕްސައިސިން ކިޔާ މާއްދާއެއްގެ ސަބަބުންނެވެ. ކުޅި ގަދަ މިރުހުގައި މި މާއްދާ ހުންނަ މިންވަރު ގިނަ އެވެ. ނަމަވެސް މި މާއްދާ އިން ސީދާ ސިއްހަތަށް ފައިދާ ކުރަނީ ކިހިނެއްކަން އަދި ސައިންސްވެރިންނަށް ހޯދިފައެއް ނުވެއެވެ.

ދިވެހިންނަކީ ވެސް ކުޅިކޮށް ކާން އާދަވެފައިވާ ބަޔަކަށް ވާއިރު ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަކީ ކޮންމެ ކަމެއްގައި ވެސް މެދުމިން އޮންނަ ފަދައިން ކުޅިކޮށް ކެއުމުގައި ވެސް ހައްދު ފަހަނައަޅައި ދިއުމުން ލިބޭ ފައިދާއަށްވުރެ ވާ ގެއްލުން ބޮޑުވާނެ ކަމެވެ.