ބަބީތާ ކަޕޫރާއި ނީތޫ ކަޕޫރަކީ ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އެއް އާއިލާ ކަމަށްވާ ކަޕޫރު އާއިލާގެ ދެ ދަނބިދަރިންނެވެ. އެހެން ނަމަވެސް ގިނަ ދުވަސްތަކެއް އެ ދެމީހުން އެކަކު އަނެކަކުގެ މޫނު ފެންނަ ހިސާބުގައި ހުރުމަށް ދެކޮޅު ހެދި ކަމަށް ހަބަރުތައް ބުނެ އެވެ.

1980ގެ ކުރީކޮޅުން ފެށިގެން އެ ދެމީހުންގެ މެދުގައި އޮތް ދެކޮޅުވެރިކަން ވަރަށް ފަހަކާ ޖެހެންދެން ވެސް ދެމިއޮތް ކަމަށް ހަބަރުތައް ބުނެ އެވެ.

އެގޮތުން އެކަން އެންމެ ބޮޑަށް ފާހަގަވީ 2003 ވަނަ އަހަރު އޮތް ބަބީތާގެ ދަރިފުޅު ކަރިސްމާގެ ކައިވެނިންނެވެ. އެ ކައިވެންޏަށް ނީތޫ ގޮސްފައިނުވާއިރު 2009 ވަނަ އަހަރު އޮތީ ނީތޫގެ ދަރިފުޅު ރިދިމާގެ ކައިވެންޏަށް ބަބީތާއާއި ދަރިން ވެސް ގޮސްފައި ނުވެ އެވެ.

ޒަމާނުއްސުރެ ދެ ފަހަރިންގެ މެދުގައި ކުރިއަށް ދިޔަ "ފިނި ހަނގުރާމަ" ނިމުމަކަށް ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރީ ބަބީތާގެ ދަރިފުޅު ކަރީނާ ކަމަށްވެ އެވެ.

އެގޮތުން އެ ދެމީހުން ދުވަސްތަކަކަށްފަހު އެއް މޭޒުމަތިން ކައިފައިވަނީ ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާންގެ ކައިވެނީގައި ކަމަށް އަޑު އެރި އެވެ.

ބަބީތާއަކީ ރަންދީރު ކަޕޫރުގެ އަންހެނުންނަށް ވީއިރު ނީތޫއަކީ ރިޝީ ކަޕޫރުގެ އަންބެވެ. ކަރިޝްމާއާއި ކަރީނާއަކީ ރަންދީރު- ބަބީތާގެ ދަރިންނަށްވާއިރު ރިޝީ-ނީތޫއަށް ލިބުނީ ރިދިމާއާއި ރަންބީރެވެ.