ވިހި ވަނަ ރައްޔިތުންގެ މަޖިލިހަށް އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގައި ވީހާވެސް ގިނަ ބަޔަކު ނުކުމެ ވޯޓުލެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.

ތާޖުއްދީން ސްކޫލްގައި ބެހެއްޓި ވޯޓު ފޮއްޓަށް ވޯޓުލެއްވުމަށް ފަހުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ވޯޓުލުމަކީ ކޮންމެ ރައްޔިތަކަށް ވެސް ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއް އަދި ޒިންމާއެއް ކަމަށެވެ.

އެހެންވެ، ހުރިހާ ރައްޔިތުން ވެސް ނުކުމެވަޑައިގެން ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ހައްގު އަދާކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ. ރައީސް ވިދާޅުވީ ހަވީރު ވަންދެން މަޑު ނުކުރައްވައި ހުރިހާ އެންމެން ވެސް ކުރީ ބައިގައި ވޯޓުލާ ނިންމަން ޖެހޭ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު އިތުރު އެއްވެސް ވާހަކަފުޅެއް ނުދައްކަވަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލެއްވުމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ހެނދުނު ވަޑައިގަންނަވަނީ. ފޮޓޯ: ޕީއެންސީ

އިންތިހާބުގައި ޕީއެންސީން ކިތައް ގޮނޑި ނަގާނެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެކަމާ ބެހޭ ގޮތުން މިވަގުތު ވާހަކަ ދައްކަވަން ބޭނުންފުޅު ނުވާ ކަމަށެވެ.

ވިހި ވަނަ މަޖިލިހަށް 93 މެމްބަރުން އިންތިހާބު ކުރުމުގެ ވޯޓުލުން ހެނދުނު ފަށާފައިވާ އިރު، މިއަދު ހަވީރު 5:30 ވަންދެން ވޯޓުލުން ކުރިއަށް ދާނެ އެވެ. މިފަހަރުގެ އިންތިޚާބުގައި 602 ވޯޓު ފޮއްޓެއް ބަހައްޓާފައިވެ އެވެ. މިގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށާކާއި، 34 ރިސޯޓް، ޖަލުތަކާއި ސިނާއީ ރަށްތައް އަދި ރާއްޖެއިން ބޭރުގެ ތިން ގައުމެއްގައި ވޮޓު ފޮށި ބަހައްޓާފައިވެ އެވެ.

މިފަހަރުގެ އިންތިޚާބުގައި ރާއްޖޭގެ 93 ދާއިރާއަކަށް ޖުމްލަ 284،663 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ 145،302 ފިރިހެނުންނާއި 139،361 އަންހެނުންނެވެ.