އަމީތާބް ބައްޗަންއަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ބޮލީވުޑްގެ މި ޖީލު ދުށް އެންމެ ކުޅަދާނަ އެއް އެކްޓަރެވެ. އޭނާއަކީ މޮޅު އެކްޓަރެއްގެ އިތުރުން އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރަން ވަކާލާތުކުރާ މީހެކެވެ.
އެގޮތުން އަމީތާބު ވަނީ 1990ގެ އަހަރުުތަކުގައި އޭނާއަށް ކުރެވުނު ތަޖުރިބާއެއްގެ ވާހަކަ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ.
އަމީތާބު ބުނީ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްވަރު ވައިގެ މަގުން އޭނާ ކުރި ދަތުރެއްގައި އޭނާއާ ޖެހިގެން އިން މީހާއަކީ މެދު ފެންވަރެއްގެ އާއިލާއަަކަށް ނިސްބަތްވާ ތައުލީމީ މީހެއްގެ ގޮތުގައި އޭނާއަށް ސިފަ ކުރެވުނު ކަމަށެވެ.
އަމީތާބާއެކު އެ މަތިންދާ ބޯޓުން ދަތުރުކުރި އެހެން ފަސިންޖަރުންނަށް އޭނާއަކީ ކާކުކަން އެނގި އޭނާއަށް ސަލާމް ކުރަމުން ދިޔަ ނަމަވެސް އޭނާއާ ޖެހިގެން އިން ފަސިންޖަރަށް އޭނާއަކީ ކާކުކަން އެނގޭހެން ހީނުވާ ކަމަށް އަމީތާބް ބުންޏެވެ.
އެގޮތުން އެ ފަސިންޖަރު އިނީ ވަރަށް މަޑުން ނޫހެއް ކިޔަން ކަމަށާއި ޖެހިގެން އިނީ ގައުމުގެ އެންމެ މަޝްހޫރު އެއް އެކްޓަރު ނަމަވެސް އެކަމުން އެ ފަސިންޖަރަށް އެއްވެސް ތަފާތުކަމެއް ނާންނަ ކަމަށް އަމީތާބު ފާހަގަ ކުރި އެވެ.
އެކަމާ ހައިރާންވެ އަމިއްލަ ނަން ހާމަނުކޮށް އެ ފަސިންޖަރާއެކު ދެކެވުނު ވާހަކައެއްގެ ތެރެއިން އޭނާއަކީ އެހާ ގިނައިން ފިލްމު ބަލާ އުޅޭ މީހެއް ނޫން ކަން އަމީތާބަށް އެނގުނެވެ.
ދިގު ފްލައިޓަކަށްފަހު ބޯޓު ޖެއްސުމުން ގޮނޑިން ތެދުވެ އެއްކަހަލަ ފަސިންޖަރަށް ސަލާމަށް އަތް ދިއްކޮށްލައި އަމީތާބް އޭނާގެ ނަމާއެކު ތައާރަފްވި އެވެ.
އަމީތާބުގެ ސަލާމް ބަލައިގަންނަމުން އެ ފަސިންޖަރު ބުނީ ބައްދަލުވީތީ އުފާކުރާ ކަމަށާއި އޭނާގެ ނަމަކީ ޖޭ އާރް ޑީ ޓާޓާ ކަމަށެވެ.
ޖޭއާރް ޓާޓާއަކީ އިންޑިއާގެ އެންމެ ކާމިޔާބު ކުންފުނި ޓާޓާ ގްރޫޕް ވެރިޔާ އަދި އެގައުމުގެ އެންމެ މުއްސަނދި މީހާ އެވެ. އޭނާއަކީ ދުނިޔޭގެ މަހުޖަނުންގެ ތެރޭގައި ވެސް ހިމެނޭ މީހެކެވެ.
ހިތްތިރި ކަމަކީ ކޮބައިކަން އެދުވަހު އޭނާއަށް އެނގުނު ކަމަށާއި ޓާޓާއަކީ އެހާ މަތީ ފެންވަރުގެ މީހެއްކަން އޭނާ ލައިގެން އިން ހެދުމުންނާއި ހަރަކާތްތަކުން ނޭނގޭ ކަމަށް އަމީތާބު ބުންޏެވެ.