އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ ޓިކެޓުގައި ތުލުސް ދާއިރާ ތަމްސީލް ކުރެއްވި މަޝްހޫރު ގާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އެ ދާއިރާ އަށް މި ފަހަރު ވާދަކުރައްވައިގެން ލިބިވަޑައިގަތީ ފަސް ވޯޓު ކަމަށް ވަގުތީ ނަތީޖާތަކުން ދައްކައިފި އެވެ.
ހަތަރު ކެންޑިޑޭޓުން ވާދަކުރި އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރީ މިހާރުގެ ވެސް މެންބަރު އިބްރާހިމް ނަސީމެވެ. އޭނާ އަށް ވަނީ 961 ވޯޓު ލިބިވަޑައިގެންފަ އެވެ. ދެވަނަ ހޯއްދެވި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ވަނީ 484 ވޯޓު ހޯއްދަވައިފަ އެވެ. ތުލުސްދޫ ދާއިރާ އަށް ރައީސް ޔާމީންގެ ޕީއެންއެފްގެ ތާއީދާ އެކު ނުކުތް އަހުމަދު ޝާމިލް އަބްދުﷲ އަށް ލިބިފައި ވަނީ 268 ވޯޓެވެ.
ތުލުސްދޫ ދާއިރާ އަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ 2074 މީހުންގެ ތެރޭން އެ ދާއިރާގެ ކުރީގެ މެންބަރަކު ވާދަކޮށް ފަސް ވޯޓު ލިބުމަކީ ވަރަށް ލަދުވެތި ނަތީޖާއެއް ކަމަށް ގިނަ ބަޔަކު ގަބޫލް ކުރެ އެވެ. ވައްޑެ މި ފަހަރު ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ.
ވައްޑެ އަކީ 18 ވަނަ މަޖިލީހުގައި ރައީސް ޔާމީންގެ ސަރުކާރުން މަޖިލީހުގެ ގޮނޑި ގެއްލުވާލި 13 މެންބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އޭނާ ވަނީ 2013 ވަނަ އަހަރު ޕީޕީއެމާ އެކު މަސައްކަތްކުރައްވާ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ކުރައްވައިފަ އެވެ. އެހެންވެ ތުލުސްދޫ ދާއިރާ އަށް އިންތިޚާބުވެވަޑައިގެންނެވީ ޕީޕީއެމް ޓިކެޓުގަ އެވެ.
ރައީސް ޔާމީން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރެއްވުމަށް ފަހު 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށް ވެސް ވައްޑެ ވަނީ މަސައްކަތް ކުރައްވައިފަ އެވެ. އޭގެ ފަހުން ފެނުނީ ޖުމްހޫރީ ޕާޓީންނެވެ. އަނެއްކާ ވެސް 2021 ވަނަ އަހަރު ވަނީ ޕީޕީއެމްއާ އަލުން ގުޅިވަޑައިގެންފަ އެވެ.