0

ރިހަ ކައްކަން އާއްމުކޮށް ބޭނުންކުރާ ހަވާދު ބްރޭންޑްތަކެއްގެ ރައްކާތެރިކަމާމެދު ސުވާލު އުފެދި އިންޑިއާގެ ފުޑް ސޭފްޓީ އެންޑް ސްޓޭންޑަޑް އޮތޯރިޓީއިން އެކަން ބަލަން ފަށައިފި އެވެ.

އެ އިދާރާއިން އެ މައްސަލަ ބަލަން ފަށާފައިވަނީ މަޝްހޫރު ބައެއް ބްރޭންޑްތަކުން ރިހަ ކައްކަން ތައްޔާރުކުރާ ހަވާދުގައި ސިއްހަތަށް ގެއްލުންހުރި މާއްދާތަކެއް އެކުލެވޭ ކަމަށް ސިންގަޕޫރުންނާއި ހޮންގްކޮންގްގެ އިދާރާތަކުން ބުނުމުންނެވެ.

އެގޮތުން ހޮންގްކޮންގްގެ ސެންޓަ ފޯ ފުޑް ސޭފްޓީއިން ވަނީ އިންޑިއާގައި އުފައްދާ އެމްޑީއެޗް އަދި އެވަރެސްޓް ބްރޭންޑްގެ ރިހަ ހަވާދު ޕެކެޓުގައި ކެންސަރަށް މަގުފަހިވާ މާއްދާއެއް ކަމަށްވާ އެތެލީން އޮކްސައިޑް އެކުލެވޭ ކަމަށް ބުނެ އެ އުފެއްދުންތައް ވިއްކުން އެގައުމުގައި ވަގުތީ ގޮތުން މަނާކޮށްފަ އެވެ.

މިކަމާ ގުޅިގެން އެވަރެސްޓްގެ ތަރުޖަމާނަކު މީޑިއާއަށް މައުލޫމާތު ދެމުން ބުނީ އެ ބްރޭންޑްގެ އެއްވެސް އުފެއްދުމެއް އެއްވެސް ގައުމެއްގައި ވިއްކުން މުޅިން މަނާ ނުކުރާ ކަމަށާއި އިތުރު ތަހުލީލުތައް ކުރުމަށްޓަކައި ބްރޭންޑްގެ ވިޔަފާރި ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

މި ރިޕޯޓުތަކާ ގުޅިގެން އިންޑިއާގެ ކަމާ ބެހޭ އިދާރާތަކުން ވަނީ އެގައުމުގައި އުފައްދާ ހުރިހާ ހަވާދު ބުރޭންޑްތަކެއްގެ ސާމްޕަލް ނަގައި ކްލިނިކަލް އެގްޒެމިނޭޝަންއަށް ފޮނުވާފަ އެވެ.

އެމްޑީއެޗް އަދި އެވަރެސްޓް ބްރޭންޑްގެ ހަވާދުގެ އުފެއްދުންތަކަކީ ރާއްޖޭގެ ބާޒާރުގައި ވެސް ލިބެން ހުންނަ ދިވެހިން ވެސް ކެއްކުމުގައި އާއްމުކޮށް ބޭނުންކުރާ އުފެއްދުންތަކެކެވެ.