ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ލިބޭ ބޮޑެތި އިނާޔަތްތަކާއި މަގާމުން ވަކިވުމަށް ފަހު ވެސް ފަނޑިޔާރުންނަށް ލިބޭ ބޮޑެތި އިނާޔަތްތަކުގެ އިތުރުން ކުރީގެ މަޖިލިސް މެމްބަރުންނަށް ލިބޭ ބޮޑެތި އިނާޔަތްތައް ކަނޑާލަން ވަކާލާތު ކުރައްވާނެ ކަމަށް ބާރަށު ދާއިރާގެ އިންތިހާބީ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ކުރީގެ މެންބަރުންނަށް ދޭ އިނާޔަތް ކަނޑާލައި ދައުލަތުގެ ބަޖެޓުން ކުރާ ހަރަދުތައް ކުޑަކުރަން ގިނަ ބަޔަކު މިހާރު ސޯޝަލް މީޑިއާގައި ވެސް ގޮވާލަމުން އަންނަ އިރު، މިހާރު މާލެ ސިޓީ ކައުންސިލްގައި ހުޅުމާލެ ދާއިރާ ތަމްސީލު ވެސް ކުރައްވަމުން ގެންދަވާ ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކަމަށް އޭނަގެ ފުރިހަމަ ތާޢީދު ލިބޭނެ ކަމަށެވެ.

އަދި ތާއީދު ކުރާގޮތް ވާނީ ދާއިރާގެ ރައްޔިތުންނަށް ސާފުކޮށް ދެއްވާފައި ކަމަށް ޝުޖާއު ވިދާޅުވި އެވެ. އެގޮތުން ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ލިބޭ ބޮޑެތި އިނާޔަތްތަކާއި މަގާމުން ވަކިވުމަށް ފަހު ވެސް ފަނޑިޔާރުންނަށް ލިބޭ ބޮޑެތި އިނާޔަތްތަކުގެ އިތުރުން ކުރީގެ މަޖިލިސް މެމްބަރުންނަށް ލިބޭ ބޮޑެތި އިނާޔަތްތައް ކަނޑާލަން ވަކާލާތު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލިސް މެމްބަރުކަން ކުރައްވާ ބޭފުޅުންނަށް، އެކި މިންވަރަށް މާލީ އިނާޔަތް ދޭން ގާނޫނުން ލާޒިމް ކުރެ އެވެ.

އެގޮތުން...

  • އެއް ދައުރު ފުރިހަމަ ކުރައްވާ މެމްބަރުންނަށް މުސާރައިގެ %30 ލިބޭ، އެއީ މަހަކު 18،000 ރުފިޔާ
  • ދެ ދައުރު އަދާކުރި މެމްބަރުންނަށް މުސާރައިގެ %45 ލިބޭ، އެއީ މަހަކު 27،000 ރުފިޔާއަށް ވުރެ ގިނަ
  • މެމްބަރުންނަށް މި މުސާރަ ލިބޭނީ މަގާމުން ވަކިވުމަށް ފަހުގައި އަދި އުމުރުން 55 އަހަރުވުމަށް ފަހުގައި

މީގެ އިތުރުން މަޖިލިސް މެމްބަރުންނަށް ދެވޭ ހެލްތު ސްކީމްގެ ފުރުސަތުތައް ވެސް ކުރީގެ މެމްބަރުންނަށް އޮވެ އެވެ.

މަޖިލިސް ކެމްޕޭން ތެރޭގައި ވެސް ޝުޖާއު ވަނީ މިކަމަށް ވަކާލާތުކޮށް ވާހަކަ ދައްކާފަ އެވެ. އެގޮތުން މަޖިލިސް ބަހުސްގައި ޝުޖާއު ވިދާޅުވީ ރައީސްކަން ކުރި ފަރާތްތަކާއި ފަނޑިޔާރުކަން ކުރާ ފަރާތްތައް އަދި މަޖިލިސް މެމްބަރުން އެއް ދައުރު އަދާކުރީމަ ދާއިމީކޮށް ދެމިގެންދާގޮތަށް ދޭ މާލީ އިނާޔަތްތައް ކަނޑާލަން މަޖިލީހުގައި ވަކާލާތުކުރާނެ ފަރާތަކީ އޭނާ ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރުންނަށް މެމްބަރުކަން ގެއްލުމުން ލިބޭ ހެލްތު އިންޝުއަރެންސް ކަނޑާލައި، އާންމު ރައްޔިތެކޭ އެއްވަރަށް އެ ފަރާތްތަކަށް އެ އިންޝުއަރެންސް ލިބޭގޮތް ހެދުމަށާއި، މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ވެސް ވަކާލާތުކުރާނީ އޭނާ ކަމަށް، މަޖިލިސް ބަހުސްގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވެފަ އެވެ.