މަރުވެފައި އޮތް މީހަކު ވ. އަތޮޅުގެ ފަޅުރަށަކުން ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވ. ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގެ މައުލޫމާތު މިއަދު 11:02 ހާއިރު ލިބިފައިވާ ކަމަށެވެ.

މަރުވެފައި އޮއްވާ ފެނުނު މީހަކީ ބިދޭސީއެއް ކަމަށް ބެލެވޭ ކަމަށާއި އެމީހާގެ ހަށިގަނޑު ފެނުނީ އެ ރަށަށް ދަނޑިކަނޑަށް ގޮސް އުޅުނު ބަޔަކަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެމީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

އޮފިޝަލް ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުގެ ބޭރުފުށުން ޝައްކު ކުރެވޭ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށެވެ. ނަމަވެސް އިތުރަށް ބަލަން ޖެހޭ ކަންތައް ބެލުމަށް ހަށިގަނޑު މާލެ ގެންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.