ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވާގޮތުން ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތަކުން ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ކޮންޓްރެކްޓަރަކަށް ފައިސާއެއް ދައްކާނަމަ އެ ކޮންޓްރެކްޓަރުގެ ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި އެ ދޭ ފައިސާގެ 10 ޕަސެންޓް ދައްކަން ޖެހޭނެ. މިހާރު ގާނޫނުގައިވާ ގޮތުން އެފަދަ ކޮންޓްރެކްޓަރުން ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި ދައްކަން ޖެހެނީ އެ ލިބޭ ޖުމްލަ ފައިސާގެ 5 ޕަސެންޓު.

ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގައި ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ވިތުހޯލްޑިން ޓެކްސް 10 ޕަސެންޓަށް އިތުރުކުރަން ހުށަހަޅައިފި އެވެ.

"އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު"އަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލު ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރެވެ.

ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގެ ކޮންޓްރެކްޓްތަކަށް ވާދަކުރުމުގައި ދިވެހި ވިޔަފާރިތަކާއި ވަޒަންވެރިވެފައި ނުވާ ކޮންޓްރެކްޓަރުންނާ ދެމެދު ހަމަހަމަ އަދި ވާދަވެރި މާހައުލެއް ގާއިމު ކުރުމަށް ބުނެ އެވެ.

އެ ގާނޫނު މިހާރު އޮތް ގޮތުން ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތަކަށް، ރާއްޖޭގައި ހުރި ދާއިމީ މަރުކަޒެއް މެދުވެރިކޮށް ލިބޭ އާމްދަނީއަކުން ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުގެ ވިތުހޯލްޑިން ޓެކްސް ދައްކާފައިވާ ނަމަ، އެގޮތުން ވިތުހޯލްޑިން ޓެކްސް ދައްކަން ޖެހުނު އާމްދަނީގެ އަދަދަކީ އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެ އަދަދެއް ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. އަދި ޓެކްސް ދައްކާ ފަރާތުން އެގޮތަށް އަމަލުކުރަން އިހްތިޔާރުކޮށްފި ނަމަ، އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެ އާމްދަނީއާ ގުޅިގެން އިތުރު އެއްވެސް އަދަދެއް އުންޏެއް ނުކުރެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.

މި މާއްދާއަށް ސަރުކާރުން ވަނީ ދެ އަކުރު އިތުރުކުރުމަށް ހުށަހަޅާފަ އެވެ. އެގޮތުން، މިހާރު ގާނޫނުގައި އޮތް ނަމަވެސް ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތަކަށް ރާއްޖޭގައި ހުރި ދާއިމީ މަރުކަޒެއް މެދުވެރިކޮށް ލިބޭ އާމްދަނީން އުނިކުރާ އަދަދަކީ ވިތުހޯލްޑިން ޓެކްސް ނެގުނު އާމްދަނީއާ ގުޅިގެން އެ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ ފުރަިހަމަ އަދަދު ކަމަށް ބެލެވޭނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. އަދި އެފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެ އާމްދަނީ ހިމަނައިގެން ނުވާނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފަ އެވެ.

ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވާގޮތުން ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތަކުން ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ކޮންޓްރެކްޓަރަކަށް ފައިސާއެއް ދައްކާނަމަ އެ ކޮންޓްރެކްޓަރުގެ ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި އެ ދޭ ފައިސާގެ 10 ޕަސެންޓް ދައްކަން ޖެހޭނެ އެވެ. މިހާރު ގާނޫނުގައިވާ ގޮތުން އެފަދަ ކޮންޓްރެކްޓަރުން ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި ދައްކަން ޖެހެނީ އެ ލިބޭ ޖުމްލަ ފައިސާގެ 5 ޕަސެންޓެވެ.

މި އިސްލާހާއެކު ދައުލަތަށް ލިބޭނެ އާމްދަނީގެ އަންދާޒާ ވެސް ސަރުކާރުން ވަނީ ހުށަހަޅާފަ އެވެ. އެގޮތުން މި އިސްލާހާ ގުޅިގެން އަހަރަކު އެވްރެޖުކޮށް ދައުލަތުގެ އާމްދަނީއަށް 251 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް މީރާއިން ލަފާކޮށްފައިވާ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.