ލ. ގަމާއި ފޮނަދޫ ސިޓީއަކަށް ބަދަލުކޮށްލާނެ ކަމަށް މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލު ވައުދުވެއްޖެ އެވެ.

ފައިސަލު މިގޮތަށް ވައުދުވެފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި މަޖިލީސް އިންތިހާބުގައި ލާމުން ސަރުކާރަށް ދިން ތާއީދާ ގުޅިގެން އުފާފާޅު ކުރުމަށް މިއަދު ބޭއްވި ސައިކަލް ބުރަށް ފަހު ވާހަކަ ދައްކަވަމުންނެވެ.

ފޮނަދޫ ދާއިރާއަށް އިންތިހާބުވި އަބްދުއްރަހީމް އަބްދުﷲ ގެ ދަރިފުޅު ފައިސަލް ވިދާޅުވީ ފޮނަދޫ އާއި ގަން ސިޓީއަކަށް ބަދަލު ވެގެން ދިއުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. އެ އުންމީދު ހާސިލުވާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އެބަ އޮތް ކަމުގައި ވެސް ވިދާޅުވި އެވެ. ފައިސަލް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުގައި ހައްދުންމައްޗަށް ހާއްސަ މަޝްރޫއުތައް ރޭވިފައިވާ ކަމަށާ ފޮނަދޫ އާއި ގަން ސިޓީއަކަށް ބަދަލު ކުރުމަށް އެ މަޝްރޫއުތައް މަގު ކޮށައިދޭ ކަމަށެވެ.

"އަޅުގަނޑު ދެކެން ބޭނުންވަނީ ގަން، ފޮނަދޫ ސިޓީއަކަށް ވެގެންދާ ތަން. އިރާދަކުރެއްވިއްޔާ ދެން އަންނަ ލޯކަލް ކައުންސިލް އިންތިޚާބެއްގައި މި ތަނުގައި ބޭއްވޭނީ މޭޔަރުކަމުގެ އިންތިޚާބު. ސިޓީއެއްގެ ދަރަޖައަށް މި ތަން ބަދަލުކުރެވި މި ތަނުގައި އަޅުގަނޑުމެން އިންތިޚާބުކުރާނީ ގަން/ ފޮނަދޫ ސިޓީގެ މޭޔަރު،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް އިތުރަށް ވިދާޅުވީ އެ ދެ ރަށް ސިޓީއަކަށް ބަދަލުކުރުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ވެސް ގާއިމްކޮށްދޭނީ މި ސަރުކާރުން ކަމަށެވެ. އެގޮތުން ހޮސްޕިޓަލްތަކާއި، ބޯހިޔާވަހިކަމާއި، ޒުވާނުންނަށް ކުޅިވަރު ވަސީލަތްތަކާއި އެހެނިހެން ވަސީލަތްތައް ވެސް އެންމެ ފުރިހަމައަށް ތަރައްގީކޮށްދޭނެ ކަމަށް ފައިސަލު ވިދާޅުވި އެވެ.

މީގެއިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި މި އަތޮޅުގައި ފަތުރުވެރިކަން ހިންގުމަށް ޓަކައި މިހާރު ވެސް ބޭރުގެ އެކި އިންވެސްޓަރުންނާ މަޝްވަރާތައް ކުރަމުން އަންނަ ކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ އެ އަތޮޅުގައި ވަން އައިލެންޑް ކޮންސެޕްޓަށް ހަތަރު ރިސޯޓު ތަރައްގީކޮށްދެއްވާނެ ކަމަށެވެ.

"ޚާއްސަކޮށް ބަރެސްދޫ ޕްރޮޖެކްޓު އަޅުގަނޑުމެން ކާމިޔާބު ޕްރޮޖެކްޓެއްގެ ގޮތުގައި ހަދާނަމު. އަދި ލ. އަތޮޅުގައި ވަން އައިލެންޑް ކޮންސެޕްޓުގެ ހަތަރު ރިސޯޓު މަދުވެގެން ރައީސް މުއިއްޒުގެ މި ވެރިކަމުގައި އަޅުގަނޑުމެން ގާއިމްކުރާނަން،" ފައިސަލު ވިދާޅުވި އެވެ.

އަދި އުންމީދަކީ ދެތިން އަހަރެއް ތެރޭ ރިސޯޓް ތަރައްގީވެ، ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ވުން ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.