ހިތާވެގެން އުޅޭ ލޯބިވެރިޔާއަށް ރެއާދުވާލު ދެތިން ފަހަރު ގުޅާލުމަކީ އާއްމު ކަމެކެވެ. ގިނަ ބަޔަކު ކުރާވެސް ކަމެކެވެ. އެހެން ނަމަވެސް އެކަމުގައި ވެސް ހައްދު ފަހަނައަޅައި ދިއުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

އެކަން އަންގައިދެނީ ޗައިނާގެ އަންހެނަކަށް ދިމާވި ކަމަކުންނެވެ. އެ އަންހެން މީހާ 24 ގަޑިއިރުގެ ތެރޭގައި 100 އަށްވުރެ ގިނަ ފަހަރު ލޯބިވެރިޔާއަށް ގުޅުމުގެ ނަތީޖާއަކަށްވީ އޭނާއަށް ސިއްހީ މައްސަލައެއް ޖެހިފައިވާ ކަމަށް މާހިރުން ނިންމުމެވެ. އެއީ "ލަވް ބްރެއިން" އެވެ.

ޗައިނާގެ ނޫސްތަކުން ބުނާ ގޮތުގައި 18 އަހަރުގެ އެ އަންހެން ކުއްޖާ ލޯބީގައި ހައްދު ފަހަނައަޅައި ދިއުމުން އެއީ ނަފްސާނީ ސިއްހަތުގެ މައްސަލައެއް ކަމަށް ޑޮކްޓަރުން ނިންމައި އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ވެސް ދީފައިވާ ކަމަށެވެ.

ބުނެވޭ ގޮތުގައި އެ އަންހެން ކުއްޖާއާއި އޭނާގެ ލޯބިވެރިޔާއާ ފުރަތަމަ ދިމާވީ ކޮލެޖުންނެވެ. ރައްޓެހިވެގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލޯބިވެރިޔާއަށް މާ ބޮޑަށް ބަރޯސާވެ އޭނާއާ ހެދި މާ ބޮޑަށް އުޅެން ފެށި އެވެ.

އެގޮތުން ހުއްޓުމެއް ނެތި އެ އަންހެން މީހާ އޭނާގެ ލޯބިވެރިޔާއަށް މެސެޖުކުރާ ވީޑިއޯއެއް އާއްމުވެފައިވާއިރު އޭނާގެ މެސެޖުތަކާއި ފޯނުކޯލުތަކަށް ލޯބިވެރިޔާ ޖަވާބު ނުދިނުމުން އޭނާ ވަނީ އެތަނުގައި ހުރި އެއްޗެއްސަށް ގެއްލުންދީފަ އެވެ.

ސައިކޮލޮޖިސްޓުން ބުނާ ގޮތުގައި އެއްވެސް ކަމެއްގައި ހައްދު ފަހަނައަޅައި ދިއުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެއީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް ގެއްލުންހުރި ކަމެކެވެ.

އެއާއެކު ލޯބީގައި ހައްދު ފަހަނައަޅައި ދިއުމަކީ އޭގެ ސަބަބުން ތިމާގެ ގުޅުމަށް ވެސް އަސަރުކުރާނެ ކަމެއް ކަމަށް މާހިރުން ބުނެ އެވެ. އެހެން ކަމުން ލޯބީގެ ގުޅުމެއްގައި ބައިވެރިޔާއަށް އަމިއްލަ މިނިވަންކަން ދިނުމަކީ މުހިއްމު ކަމެކެވެ.