އެކިއެކި ސަބަބުތަކަށްޓަކައި ހިދުމަތުން ދުރުވެފައިވާ ނަރުހުންނާއި، އެހެނިހެން ސިއްހީ ހިދުމަތްތެރިން، އަނބުރާ ހިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް ހާއްސަ ސިޔާސަތެއް އެކަށައެޅުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް މުހައްމަދު މުއިއްޒު މީގެ ކުރިންވަނީ ނިންމަވައިފަ އެވެ.

އަދި ސިއްހީ ދާއިރާ އެކޭ އެއްގޮތަށް ސިވިލް ސާވިސްގެ ވަޒީފާ އަދާކުރާ އެހެން ދާއިރާތަކަށްވެސް ވެސް ފުރުސަތު ދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ގޮތަށް، އެކި ސަބަބުތަކަށްޓަކައި ސިވިލް ސާވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުން އަލުން ސިވިލް ސާވިސްގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް މުއިއްޒު މި ވަނީ ނިންމަވާފަ އެވެ. އެމަނިކުފާނު މިގޮތަށް ނިންމެވީ އިއްޔެ ރައީސްގެ އޮފީހުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް އޮފީހުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު އެވެ.

ރައީސްގެ މި ނިންމެވުމާއި ގުޅިގެން، ސިވިލް ސާވިސްގައި މީހުން ލިބުން ދަތި ދާއިރާތަކުގެ މަގާމުތަކުގައާއި، ވަގުތީގޮތުން މީހުން ބޭނުންވާ މަގާމުތަކުގައި ވަޒީފާއަދާކުރުމަށް ޝައުގުވެރިކަންހުރި، އެ ދާއިރާތަކުގައި ވަޒީފާއަދާކޮށް ވަޒީފާއިން ވަކިވެފައިވާ މީހުންގެ ދަފުތަރެއް އެކުލަވައިލުމަށް ވަނީ ނިންމަވާފަ އެވެ. މިގޮތަށް މީހުން ބޭނުންވެއްޖެ ހިނދެއްގައި އެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ މީހުންގެ ތެރެއިން ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މީހުން ހަމަ ޖެއްސެވުމަށް ވެސް ވަނީ ނިންމަވާފަ އެވެ.

ހަމަ އެއާއެކު އެކިއެކި ޓެކްނިކަލަ ދާއިރާތަކުން ތަމްރީނުވެގެން ރާއްޖޭގައި މަސައްކަތްކުރާ ދިވެހިން ސަރުކާރުގެ ވަޒީފާތަކަށް ގެނައުމަށް ބާރުއެޅުމަށްޓަކައި، އެ ފަރާތްތަކަށް އެކަށީގެންވާ މުސާރައެއް ކަނޑައެޅުމަކީ މުހިންމު ކަމެއްކަމަށްވުމާއެކު، އެފަދަ ފަރާތްތަކަށް ހާއްސަ 'ޕޭ ސްޓްރަކްޗާ' އެއް އެކުލަވާލެއްވުމަށް ވަނީ ނިންމަވާފަ އެވެ. މީގެ އިތުރުން ހަޔާ އެޑިޔުކޭޝަން ލޯން ސްކީމަށް ކަނޑައެޅޭ ބަޖެޓުގެ ތެރެއިން އެންމެ މަދުވެގެން 50 އިންސައްތަ ހުރިހާ ދާއިރާއެއްގެ 'ހައިލީ ޓެކްނިކަލް ފީލްޑްތަކަށް' ހާއްސަކުރުމަށް ވެސް ވަނީ ނިންމަވާފަ އެވެ.

ރައީސް މި ނިންމެވުން ނިންމަވާފައިވާ ސަބަބުތަކުގެ ތެރޭގައި ސިވިލް ސާވިސްއަށް މީހުން ރެކްރޫޓްކުރުމުގެ އިޖުރާއަތުތައް ހުރި ގޮތުން މީހުން ލިބުން ދަތިނޫން މަގާމުތަކަށް ވެސް މީހުން ހަމަޖެއްސުން ލަސްވާތީ ބައެއް މުއައްސަސާތަކުން ހިދުމަތް ދިނުމުގައްޔާއި، މުއައްސަސާތަކުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިވާކަމަށް، ފާހަގަކުރެވުން ހިމެނެ އެވެ. އަދި ދާއިމީ މަގާމުތަކަށް މީހުން ހޯދުމުގެ އިތުރުން އެކި ސަބަބުތަކަށްޓަކައި ދިގު މުއްދަތުގެ ޗުއްޓީ ނަގާ މުވައްޒަފުންގެ ބަދަލުގައި ވަގުތީ ގޮތުން މަސައްކަތްކުރާނެ މީހުން ރެކްރޫޓުކުރުމަށް ހުރި ދަތިކަންވެސް ހިމެނެ އެވެ.

އިއްޔެގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި، ސިވިލް ސާވިސް މުވައްޒަފުން ހޯދުމުގައި ހުރި ދަތިތަކާއި، ސިވިލް ސާވިސްއިން ދެއްވާފައިވާ މައުލޫމާތުތަކަށް ބިނާކޮށް މުވައްޒަފުން ވަކިވާ ސަބަބުތަކާއި، އެކަންކަމަށް ހައްލު ހޯދިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.