ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކަށް މިސަރުކާރުން މިހާރު ކަނޑައަޅާ އެންމެ ކުޑަ އަގަކީ 7،000 ރުފިޔާ ކަމަށް ހައުންސިން މިނިސްޓަރު މުޙައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ފްލެޓްތަކުގެ ކުއްޔާ ގުޅޭ ގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން، މިނިސްޓަރު ވިދާޅުވީ، އެޗްޑިސީ އިން ހަތަރު އޮޕްޝަނެއް އަގުތަކާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ކަމަށެވެ. އެ ޕްރޮޕޯސަލް އިން އެންމެ ކުޑަ އަގެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ، ޑައުންޕޭމަންޓް ދެއްކުމަށް ފަހު، 7،000 ރުފިޔާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ހުޅުމާލޭގައި އެންމެ ފަހުން ދޫކުރި ސޯޝަލް ހައުސިން ޔުނިޓްތަކުގެ ކުއްޔަކީ މެއިންޓަނަންސްއާއެކު މަހަކު 7،000ރ. އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކެމްޕޭން ތެރޭގައި ވިދާޅުވެފައި ވަނީ ހިޔާ ފްލެޓަށް ދައްކަން ޖެހޭ މިންވަރު މަހަކު 6،000ރ. އަށްވުރެ ބޮޑު ނުވާނެ ކަމަށެވެ.

"އޭގައި އެބައިން ހަތަރު އޮޕްޝަންއެއް. އެންމެ ކުޑަކޮށް އޮތް އޮޕްޝަންގައި ހިމެނެނީ 7،000 ރުފިޔާ މަހަކު ދެއްކުމަށް. އެއީ ޑައުންޕޭންޓްގެ ގޮތުގައި ކޮންމެވެސް ވަރެއް ދެއްކުމަށްފަހު، ދެން މަހުން މަހުން ދައްކާ ގޮތަށް. އަޅުގަނޑު އެބަ ޖެހޭ މި ހަތަރު އޮޕްޝަން ފައިނަލައިޒް ކުރަން،" އަސްލަމް ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މަޖިލީހުގައި މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ: މަޖްލިސް

7000 ރުފިޔާއަކީ ޑައުންޕޭމަންޓްގެ ބައެއް ދައްކާފައި މަހުން މަހަށް 20 އަހަރުން ދައްކާކަމަށް ވަންޏާ ދައްކަންޖެހޭ ވަރެއް ކަމަށާއި އެއްވެސް ޑައުންޕޭމަންޓެއް ނުދައްކާނަމަ ދައްކަންޖެހޭ ވަރެއް ވެސް އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެކީގަ ފުލީ ޕޭކޮށްގެން ދައްކަންޖެހޭ ގޮތްތައް ވެސް އެބަހުރި ކަމަށް އަސްލަމް ވިދާޅުވި އެވެ.

ނަމަވެސް ކުރީގެ ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މަހެއްގެ މައްޗަށް 5،600ރ. އަށް ފްލެޓްތައް ކުއްޔަށް ދެވޭނެ ކަމަށެވެ.

މުއިއްޒު ވިދާޅުވެފައި ވަނީ އިމާރާތްކުރުމަށާއި ފިނިޝިންނާއި ފައިނޭންސިން ހަރަދުގެ މައްޗަށް ފައިދާ ހިމަނާފައި ވެސް ފްލެޓެއްގެ ކުއްޔަށް މަހަކު 5،600ރ. އަށް ދޫކުރެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވެފައިވަނީ ފްލެޓު ލިބޭ މީހުން 20 އަހަރު ވަންދެން މަހަކު 5،600ރ. ދެއްކުމަކީ ދެކޮޅުޖެހޭ ކަމަކަށް ވުމުން ރައީސް ޔާމީން އޭރު އެގޮތަށް ނިންމެވީ އެވެ. އޭރަށް އެ މުއްދަތުގައި ކުލީގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދެއްކޭނެކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ހިޔާ މަޝްރޫޢުގެ ފްލެޓްތަކުގެ ދާއިމީ ލިސްޓް އާއްމު ކޮށްފައިވާއިރު، ދާއިމީ ލިސްޓްގައި ބޮޑެތި މައްސަލަ ހުރިކަމަށްބުނެ ގިނަ ބަޔަކުދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.