ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރަން ބޭނުންވެ ސަރުކާރުން ދޫކުރާ ސްޓޫޑަންޓް ލޯނަށް ހުޅުވާލި ފުރުސަތުގައި އެ ލޯނަށް އެދި ހުށަހެޅީ 1709 ދަރިވަރުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިދިޔަ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު ހުޅުވާލި ފުރުސަތުގެ ސުންގަޑި މިއަދު މެންދުރު 13:30 އަށް ހަމަވިއިރު 1709 އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ.

މި އަހަރު ސަރުކާރުން އެ ފުރުސަތު ހުޅުވާލީ 500 ޖާގައަށެވެ.

އެހެން ނަމަވެސް މިހާރު ސަރުކާރުން ނިންމާފައިވަނީ ސްޓޫޑޭންޓް ލޯނަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯނު ދިނުމަށެވެ.

މި ލޯނު ސްކީމްގެ ދަށުން އެ ދަރިވަރަކު ބޭނުން ގައުމަކަށް ކިޔަވަންދެވޭނެ އެވެ. އަދި ލޯނު ނަގައިގެން ކިޔެވުމުގެ ފުރުސަތު ދެނީ ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކަށް ހާއްސަކޮށްގެންނެވެ.

މި ސަރުކާރުން ދޫކުރާ މި ލޯން ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާއިން ފެށިގެން މާސްޓާސް ޑިގްރީ ލެވަލްއަށް ކިޔެވުމަށް އެދެވޭނެ އެވެ. އަދި ރާއްޖޭން ބޭރުން ޑިޕްލޮމާ ފެންވަރުން ފެށިގެން ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް އެދެވޭނެ އެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުވާލި ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ވެސް ލޯނު ދިނެވެ.