ސްޕެޝަލިސްޓް ޑޮކްޓަރަކަށް ވުމަށް ތައިލެންޑްގައި ކިޔަވާވިދާޅުވަމުން ދަނިކޮށް ޑރ. އާމިނަތު ރަމްޝާ އަވަހާރަވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ޑރ. ރަމްޝާ އަވަހާރަވީ ކަރުންމަތީގެ ބަލިތަކަށް ހާއްސަވުމަށް ތައިލޭންޑްގެ ވެރިރަށް ބެންކޮކްގައި ކިޔަވާވިދާޅުވަމުން ދަނިކޮށެވެ. އޭނާ އަވަހާރަވީ ބެންކޮކްގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށެވެ.

ރައީސް މުއިއްޒު މިރޭ އެކްސްގައި ވިދާޅުވީ ހިދުމަތްތެރި އަދި މަގުބޫލު ޑޮކްޓަރު އަވަހާރަވި ހަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.

https://twitter.com/MMuizzu/status/1786067363403911565?t=t8CyCeHeQwqzridilFRQWw&s=08

ކެންސަރު ސޮސައިޓީގެ ޗެއާޕާސަން ޖުވޭރިޔާ ސައީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ރަމްޝާއަކީ އެ ޖަމްއިއްޔާ އުފެދުނީއްސުރެ ކެންސަރު ބައްޔަށް އާއްމުން ހޭލުންތެރި ކުރުވުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ.

ޑރ. ރަމްޝާއާ މީގެކުރިން ބައްދަލުވެފައިވާ އަހްމަދު ރަޝީދު ނަމަކަށް ކިޔާ މީހަކު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ ކެންސަރު ބަލީގައި ހަނގުރާމަކުރަމުން ވެސް އެތައް އެ ބަލި ތަހަންމަލްކުރާ އެތައް ބަޔަކަށް އޭނާ ހިއްވަރުދީފައިވާ ކަމަށެވެ.

"އެތަކެއް ދުވަސްތައް ހޭދަކުރުމަށް ފަހު ލޯފަން ކުދިންނާއެކު ބައްދަލުވި ދުވަހެއްގައި ދިމާވެ ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބުނެވެ. ވަރަށް ހިތްހެޔޮ ހިތްވަރުގަދަ ނަމޫނާ ޝަހުސިއްޔަތެކެވެ. ކެންސަރުގެ ބަލީގައި ހަނގުރާމަ ކުރަމުން ވެސް އެތައް ބަޔަކަށް ހިތްވަރު ދެމުން ގެންދިޔަ އެވެ." އެ ޕޯސްޓްގައިވެ އެވެ.