ބްލޮކްބާސްޓާ ކޮމެޑީ ފްރާންޗައިޒެއް ކަމަށްވާ "ހައުސްފުލް" ގެ ފަސް ވަނަ ފިލްމުގައި އަނެއްކާވެސް އަބީޝެކް ބައްޗަން ހިމެނިއްޖެ އެވެ.
"ހައުސްފުލް 5" ކުރިން ރިލީޒް ކުރަން ހަމަޖެހިފައި އޮތީ މި އަހަރުގެ ދިވާލީގައި އެވެ. އެހެން ނަމަވެސް މި ފިލްމު މިހާރު ވަނީ އަންނަ އަހަރުގެ ޖޫން 6 ގައި ރިލީޒް ކުރުމަށް ނިންމައިފަ އެވެ.
"ހައުސްފުލް 5" އާ އަބީޝެކް ގުޅިފައިވާކަން ހާމަކޮށްފައިވަނީ މި ފިލްމުގައި ފެނިގެންދާ އެކްޓަރު ރިތޭޝް ދޭޝްމުކް އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގަ އެވެ. "ހައުސްފުލް 3" ގެ ފޮޓޯއާއެކު ކުރި ޕޯސްޓްގައި ރިތޭޝް ބުނެފައިވަނީ އެމީހުން އެބުރި އައީ ކަމަށެވެ. އަބީޝޭކް އާއި ރިތޭޝްގެ އިތުރުން އަކްޝޭ ވެސް މި ފިލުމުން ފެނިގެންދާނެ އެވެ.
މި ފިލްމު ޑައިރެކްޓް ކުރާނީ މީގެ ކުރިން 'ޑޮސްތާނާ' (2008) އާއި 'ޑްރައިވް' (2019) ގެ ހެލްމް ކޮށްފައިވާ ތަރޫން މަންސުޚާނީ އެވެ.
އަބީޝެކް ވަނީ މީގެ ކުރިން 'ހައުސްފުލް 3' ގައި ވެސް ބައިވެރިވެފަ އެވެ. މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ ފަރުހާދު ސަމްޖީ އާއި ސާޖިދު އެވެ. އަކްޝޭ އާއި ރިތޭޝްގެ އިތުރުން ޖެކްލީން ފަރްނާންޑޭޒް، ނަރްގިސް ފަޚްރީ، އަދި ލީސާ ހޭޑަން ވެސް ފެނިގެން ގޮސްފައިވެ އެވެ.
"ހައުސްފުލް" ގެ ކޮންމެ ފިލްމެއްގައި އަކްޝޭ ކުމާރާއި ރިތޭޝް ދޭޝްމުކް ހިމެނުނު ނަމަވެސް، ކޮންމެ ފަހަރަކު ވެސް ފިލްމުގެ ލީޑް ކާސްޓަށް ބޮޑު ބަދަލެއް އާދެ އެވެ. ހަތަރު ވަނަ ބައިން ފެނިގެން ދިޔަ ތަރިންގެ ތެރޭގައި ބޮބީ ޑިއޯލް އާއި ކްރިތީ ސެނަން އާއި ކްރިތީ ކަރްބަންދާގެ އިތުރުން ޕޫޖާ ހެގްޅޭ އެވެ.
"ހައުސްފުލް" ފްރެންޗައިޒަކީ ސާޖިދު ޚާން ޑައިރެކްޓްކޮށް ގެނެސްދޭންް ފެށި ސީރީޒެކެވެ. މި ސީރީޒްގެ ފުރަތަމަ ދެ ބައި އޭނާ ޑައިރެކްޓްކުރި ނަމަވެސް "ހައުސްފުލް 3" އާއި "ހައުސްފުލް 4" ޑައިރެކްޓްކުރީ ސްކްރިން ރައިޓަރު ފަރުހާދު ސަމްޖީ އެވެ.
ހަތަރު ވަނަ ބައިގެ މަސައްކަތް ކުރިއަށް ދަނިކޮށް، ސާޖިދަށް ޖިންސީ ގޯނާގެ ގިނަ ތުހުމަތުތަކެއް ކުރެވުމާ ގުޅިގެން ފިލްމުގެ މަސައްކަތުން އޭނާ އެކަހެރިކޮށް، ފަރުހާދާ ފިލްމު ހަވާލުކުރީ އެވެ.
ހައުސްފުލްގެ ފުރަތަމަ ފިލްމު، 2010 ގައި ރިލީޒްކޮށްފައިވާއިރު އެ ފިލްމުގައި އަކްޝޭ އާއި ރިތޭޝްއާ އެކު ދެން ފެނުނީ ލާރާ ދައްތާ އާއި ދީޕިކާ ޕަޑުކޯނެވެ. އަދި ފިލްމުގެ ދެވަނަ ބައި 2012 ގައި އަދި ތިން ވަނަ ބައި 2016 ގައި ރިލީޒްކުރިއިރު ފިލްމުގެ ހަތަރު ވަނަ ބައި ނެރުނީ 2019 ގަ އެވެ.
ހައުސްފުލްގެ އެކި ބައިތަކުގައި ފެނިފައި ވަނީ ތިން ފިރިހެނުން ދިރިއުޅުމުގައި ކުރާ މަޖާ ކަންތައްތަކެކެވެ.