ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހަރަކާތްތެރިވާ ޓެކްސީތަކުން އެކި އަގު ނެގުމާއި ވަކި މަންޒިލަކަށް ނޫނީ ދަތުރު ކުރަން އިންކާރު ކުރުން ފަދަ ޝަކުވާތައް އިތުރުވަމުންދާތީ އެފަދަ މައްސަލަތައް ހައްލު ކުރަން ފުލުހުން ނެރެފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އަންނަ ފަތުރުވެރިންނަށާއި ދިވެހިންނަށް އެއާޕޯޓް ޓެކްސީ ކިޔުއިން ކުރިމަތިވާ މައްސަލަތަކާ ގުޅިގެން އާންމު ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަ ކަމަށެވެ.
އެގޮތުން ވަކި މަންޒިލަކަށް ނޫނީ ދަތުރު ކުރުމަށް ޓެކްސީ ޑްރައިވަރުން އުޒުރުވެރިވުމާއި ދަތުރެއް ނެގުމަށްފަހު އިތުރު ފަސިންޖަރުން އަރުވައިގެން ދަތުރު ކުރުމާއި ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ޓެކްސީ ޑްރައިވަރުން ދަތުރު ކުރާ ކަމުގެ ގިނަ ޝަކުވާތައް ލިބެމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.
މި މައްސަލަތައް ހައްލު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެން ވަނީ ޓެކްސީތަކުގެ އަގު ފަސޭހަ އިން ފެންނާނެ ގޮތަށް އެއާޕޯޓުގައި ބޯޑުތަކެއް ހަރުކޮށްފަ އެވެ. އަދި ޓެކްސީތަކާ ގުޅޭ މައްސަލަތައް ރިޕޯޓް ކުރުމަށް ކިއުއާރު ކޯޑެއް ވަނީ ތައާރަފްކޮށްފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޓެކްސީތަކާ ގުޅޭ ގޮތުން މިހާތަނަށް އައިއިރު ގިނަ ޝަކުވާތަކެއް ލިބިފައިވާތީ ޓްރާންސްޕޯޓް މިނިސްޓްރީ، ހޯމް މިނިސްޓްރީ، އެމްއޭސީއެލް ހިމެނޭ ގޮތަށް އިއްޔެ މަޝްވަރާ ކުރެވި ޓެކްސީ މެނޭޖް ކުރާނެ ޕްލޭނެއް އެކުލަވާލައި ތަންފީޒު ކުރަން ފަށާފައިވާ ކަމަށެވެ.
އެގޮތުން އެއާޕޯޓުގައި ފުލުހުން ހަރަކާތްތެރިވެ، ގަވައިދާ ހިލާފަށް އެއާޕޯޓުގައި ހަރަކާތްތެރިވަމުންދާ ޓެކްސީތަކާ މެދު ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި ގަވައިދާ ހިލާފަށް ޓެކްސީ ކުރުމުގެ ބައިވެރިވާ ބިދޭސީންނާއި މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވެސް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޓެކްސީތަކަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކަކީ މާލެ އިން ހުޅުމާލެ ދެވަނަ ފިޔަވައްސަށް 100ރ. އާއި މާލެ އިން ހުޅުމާލެ ފުރަތަމަ ފިޔަވައްސަށް 85ރ. އާއި މާލެ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 70ރ. އާއި ހުޅުމާލެ ފުރަތަމަ ފިޔަވަހިން އެއާޕޯޓަށް 80ރ. އާއި ހުޅުމާލެ ދެވަނަ ފިޔަވަހިން އެއާޕޯޓަށް 85ރ. އެވެ.
ތިތަނުން އެރި ޓެކްސީއަކުން 100 ރުފިޔާ ދައްކަން ޖެހުނު. ޓެކްސީ ކިއުއިން ނެގީމަޔޯ