މުއްދަތު ހަމަވިއިރު މާލެ ސަރަޙައްދުގެ ސްކޫލްތަކަށް ވަނުމަށް އެދި އަތޮޅުތަކުން 967 ފޯމް ހުށަހަޅާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ އެންމެ ގިނައިން ހުށަހަޅާފައި ވަނީ ގްރޭޑް 1 އަކަށް ވަނުމަށް އެދި ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިމަހު ފަށާ މިއަހަރުގެ ދިރާސީ އަހަރު ގްރޭޑް 1އަށް ވަނުމަށް އެދި 2،163 ފޯމް ވަނީ ހުށައަޅާފަ އެވެ. އޭގެ ތެރެއިން 1،192 ފޯމަކީ މާލެ ސަރަހައްދުން ހުށައަޅާފައިވާ ފޯމްތަކެކެވެ. އަދި 171 ފޯމަކީ އަތޮޅުތެރެއިން ހުށައަޅާފައިވާ ފޯމްތަކެކެވެ.

މީގެ އިތުރުން މާލޭގެ ސްކޫލްތަކުގެ ތެރެއިން އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވުމަށް އެދި 1،158 ފޯމް ހުށައަޅާފައިވާއިރު، 967 ފޯމް ހުށަހަޅާފައި ވަނީ އަތޮޅުތަކުން މާލޭގެ ސްކޫލްތަކަށް ބަދަލުވުމަށެވެ. މިއާއެކު ޖުމްލަ 4،117 ފޯމެއް ލިބިފައިވެ އެވެ.

އަތޮޅުތަކުން ފޯމްތައް ލިބިފައިވާ އަދަދު:

  • ގްރޭޑް 1: 171 ފޯމް
  • ގްރޭޑް 2: 81 ފޯމް
  • ގްރޭޑް 3: 92 ފޯމް
  • ގްރޭޑް 4: 69 ފޯމް
  • ގްރޭޑް 5: 96 ފޯމް
  • ގްރޭޑް 6: 87 ފޯމް
  • ގްރޭޑް 7: 87 ފޯމް
  • ގްރޭޑް 8: 103 ފޯމް
  • ގްރޭޑް 9: 55 ފޯމް
  • ގްރޭޑް 10: 28 ފޯމް
  • އެލްކޭޖީ : 68 ފޯމް
  • ޔޫކޭޖީ : 30 ފޯމް

އެ މިނިސްޓްރީން ބުނީ ވޭތުވެދިޔަ ބައެއް އަހަރުތަކުގައި މާލެ ސަރަހައްދުގެ ސްކޫލްތަކަށް ވަދެފައިވާ ކުދިންގެ ތަފާސްހިސާބުތައް ވެސް ހިއްސާކޮށްފަ އެވެ.

އެގޮތުން މިދިޔަ ދިރާސީ އަހަރަކީ އެންމެ ގިނަ ދަރިވަރުން މާލެ ސަރަޙައްދުގެ ސްކޫލްތަކަށް ވަދެފައިވާ އަހަރެވެ. މިދިޔަ ދިރާސީ އަހަރު 1،500 ކުދިން މާލެ ސަރަޙައްދުގެ ސްކޫލްތަށް ވައްދާފައިވެ އެވެ. އަދި 2022 ވަނަ އަހަރުގެ ދިރާސީ އަހަރުގައި 780 ދަރިވަރުން 2021 ވަނަ އަހަރު 716 ދަރިވަރުން ވަދެފައިވާއިރު، 2020 ވަނަ އަހަރުގެ ދިރާސީ އަހަރުގައި 480 ދަރިވަރުން މާލޭގެ ސްކޫލްތަކަށް ވައްދާފައިވެ އެވެ.