ވޮޝިންޓަން (މެއި 9) - ފަލަސްތީނުގެ ގާޒާ ސިޓީގެ ދެކުނަށް އޮންނަ ރަފާހުގައި އެއްގަމު މަގުން ހަމަލާ ނުދިނުމަށް އެދި އެމެރިކާ އިން އިޒްރޭލަށް ވަރުގަދަ އިންޒާރެއް ދީފި އެވެ.
ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޖޯ ބައިޑަން ވިދާޅުވީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ރަފާހަށް ހަމަލާ ދީފި ނަމަ އެމެރިކާ އިން ޔަހޫދީ ދައުލަތަށް އެއްވެސް ހަތިޔާރެއް ފޯރުކޮށްނުދޭނެ ކަމަށެވެ.
އެމެރިކާ އިން އިންޒާރު ދިން ނަމަވެސް އެ އިންޒާރަށް ބެލުމެއް ނެތި އިޒްރޭލުން ދަނީ ރަފާހަށް އެއްގަމު މަގުން އަރައިގަތުމަށް ތައްޔާރުވަމުންނެވެ. ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ރަފާހަކީ ގާޒާގެ ދެކުނުން ހަމާސް ޖަމާއަތުގެ ކޮންޓްރޯލް ދަށުގައި އޮތް ހަމައެކަނި ސަރަހައްދެވެ.
އެމެރިކާ އިން ބުނެފައި ވަނީ ގާޒާގެ އެހެން ހިސާބުތަކުން ޖަމާވެފައިވާ މީހުން ގިނަ އަދަދަކަށް ދިރިއުޅޭ ރަފާހަށް ހަމަލާ ދީފި ނަމަ އާއްމުންގެ ތެރޭން ގިނަ ބައެއްގެ ފުރާނަ ގެއްލުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
"އިޒްރޭލުން އެފަދަ ހަމަލާއެއް ދީފި ނަމަ އެމެރިކާ އިން ހަތިޔާރު ސަޕްލައިކޮށްދިނުން ހުއްޓާލާނަން،" ބައިޑަންގެ އިންޒާރުގައި ވިދާޅުވެފައިވެ އެވެ.
ގާޒާގައި ފަލަސްތީނުގެ ރައްޔިތުން ޝަހީދު ކުރަން އެމެރިކާގެ ހަތިޔާރު އިޒްރޭލުން ބޭނުންކުރާ ކަމަށް ބައިޑަން ވަނީ އިންޓަވިއުގައި އެއްބަސްވެވަޑައިގެންފަ އެވެ.
މިއީ ގާޒާގެ އޮޕަރޭޝަން ފެށި ފަހުން އިޒްރޭލަށް ހަތިޔާރު ދިނުން ހުއްޓާލާނެ ކަމަށް އެމެރިކާ އިން ބުނި ފުރަތަމަ ފަހަރެވެ.
އދ. އަށް ކަނޑައަޅާފައި ހުންނަ އިޒްރޭލުގެ ސަފީރު ބުނީ ބައިޑަންގެ ވާހަކަތަކުގެ ސަބަބުން ވަރަށް ބޮޑު ނުތަނަވަސްކަމެއް ލިބިއްޖެ ކަމަށެވެ.
އެމެެރިކާ އިން އިޒްރޭލަށް ފޮނުވާ ބޮމުގެ ޝިޕްމަންޓެއް ވެސް މިހާރު ވަނީ ޑިލޭކޮށްފަ އެވެ.
އިޒްރޭލުން ގާޒާގެ އޮޕަރޭޝަން އޮކްޓޯބަރު މަހު ފެށި ފަހުން ފަލަސްތީނަށް އެހީގެ ތަކެތި ފޯރުކޮށްދޭ އެންޓްރީ ޕޮއިންޓަކީ ރަފާހެވެ. އަދި ހަނގުރާމަ އިން ރައްކާތެރިވުމަށް މީހުން ނުކުންނަ ހަމައެކަނި ޕޮއިންޓަކީ ވެސް ރަފާހެވެ.
އިޒްރޭލުން މިދިޔަ ހޯމަ ދުވަހު ވަނީ ރަފާހުގެ އިރުމަތީގެ ހިސާބުތަކުން އާއްމުން ނުކުތުމަށް އެދި އިންޒާރު ދީފަ އެވެ.