ރާއްޖޭގައި ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވަން ތިބި އިންޑިއާ ސިފައިން ފޮނުވާލިއިރު އެއިން ކޮންމެ މީހަކަށް މަދަނީ މީހަކު އެބަތިބި ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ފޮނުވާލީ 76 އިންޑިއާ ސިފައިން ކަމަށެވެ. އަދި އެއިން ކޮންމެ ސިފައިންގެ މީހަކަށް މަދަނީ މީހަކު ގެނެސްފައި ވަނީ ވަކި މުއްދަތަކަށް ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
ސިފައިންގެ ބަދަލުގައި އިންޑިއާގެ މަދަނީ މީހުން އައިސްފައިވާތީ އެކަމާ ގުޅިގެން ޒަމީރު ވިދާޅުވީ ޕްލެޓުފޯމުތައް އޮޕަރޭޓް ކުރަން އައިސްތިބީ ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތައް އުފެއްދި ކުންފުނީގެ މަދަނީ މުވައްޒަފުން ކަމަށެވެ.
"އެ މަދަނީންނަކީ ހެލިކޮޕްޓަރު އުފެއްދި ހިންދުސްތާނު އެއިރޮނޮޓިކްސް ލިމިޓެޑް ކުންފުނީގެ މުވައްޒަފުން،" މިނިސްޓަރު ވިދާޅުވި އެވެ.
މި ސިފައިން ތިބީ ރާއްޖޭގެ ތިން ސަރަހައްދެއްގަ އެވެ. އެއީ އައްޑޫ ސިޓީ ގަމުގައި އޮތް ހެލިކޮޕްޓަރެއް އޮޕަރޭޓްކުރަން 26 ސިފައިން، ލ. ކައްދޫގައި އޮތް ހެލިކޮޕްޓަރެއް އޮޕަރޭޓް ކުރަން 25 ސިފައިން، އަދި ހދ. ހަނިމާދޫގައި އޮތް ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓްކުރަން ތިބި 25 ސިފައިންނެވެ.
"އަޅުގަނޑުމެން ވައުދުވި ގޮތަށް އިންޑިއާ ސިފައިން ފައިބައިގެން އެދިޔައީ. އަދި މިވަގުތު އެ ތިބީ ވަކި އެއްބަސްވުމެއްގެ ދަށުން ތިބި މަދަނީ ބައެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ސ. ގަމުގަ އާއި ލ. ކައްދޫގައި މިހާރު ތިބި މަދަނީ މީހުންގެ މުއްދަތު އަންނަ އަހަރުގެ ފެބްރުއަރީ މަހު ހަމަވާނެ ކަމަށެވެ. އަދި ހދ. ހަނިމާދޫގައި ތިބި މީހުން ފޮނުވާލާނީ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގުޅުމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގައި ވަރަށް ބޮޑު ބައިވެރިވުން އޮތް ގައުމެއް ކަމަށެވެ. އަދި ރާއްޖެ އެންމެ ފަގީރު ގައުމެއްގެ ގޮތުގައި އޮތް އިރު އެންމެ ގާތުން އެހީތެރިވި ގައުމަކީ އިންޑިއާ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އިންޑިއާގެ އަސްކަރިއްޔާގައި މަސައްކަތްކުރާ ޑޮކްޓަރުންތަކެއް ސެނެހިޔާގައި ތިބި އިރު އެއީ ސެޕްޓެމްބަރު، 2012، އިން ފެށިގެން އެ ތަނުގައި މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރުން ކަމަށެވެ. އަދި އެއީ ދިވެހި ސިފައިން، އެމްއެންޑީއެފުން އެދިގެން ތިބި ބަޔަކު ކަމަށް ޒަމީރު ވިދާޅުވި އެވެ.
"ރައީސްގެ ވިސްނުންފުޅަކީ އެ މީހުންގެ ފަރާތުން ވެސް މިނިވަންކަމަށް އަސަރު ކުރާ ކަމަށް ވަންޏާ، އެ މީހުން ފޮނުވާލުން، އިންޑިއާ ސަރުކާރުގައި އެދިގެން، އެކަމަކު މި ވަގުތަކަށް އޭގެ ނީޑެއް [ބޭނުމެއް] ނުފެނޭ،" ޒަމީރު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު ވިދާޅުވީ އިންޑިއާ ސިފައިން ފޭބީ ދިވެހި ސަރުކާރާއެކު ކުރި ފަސް މަސް ދުވަހު މަޝްވަރާތަކަށް ފަހު ކަމަށެވެ. އަދި ރައީސް މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގަތީ "އިންޑިއާ ސިފައިން" ފޮނުވާލަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވައުދުވީ ބޭރު ގައުމުތަކުގެ ސިފައިން ފޮނުވާލަން. އެ ވައުދު އަޅުގަނޑުމެންނަށް ފުދިގެން ދިޔައީ،" އަލީ ނަސީރު ވިދާޅުވި އެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވީ ރާއްޖޭގައި ޑޯނިއާ އަދި ހެލިކޮޕްޓަރު ދުއްވަން ލައިސަންސް އޮތް މީހަކު ދިވެހި ސިފައިންގެ ތެރޭގައި ނެތް ކަމަށެވެ.