ވޯކް ވިސާގެ ޚިދުމަތްތައް ހޯދާ ފަރާތްތަކަށް އޭންޓްކިޔު އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ނެގޭނެ އިންތިޒާމު މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ.
އިމިގްރޭޝަނުން ބުނީ މި ބަދަލާއި އެއްގޮތަށް އާދީއްތަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށެވެ. މި ބަދަލު ގެނައުމަށް ނިންމާފައި ވަނީ ވޯކް ވިސާގެ ޚިދުމަތް ހޯދުމަށްދާ ފަރާތްތަކަށް ލުއިފަސޭހަކުރުމުގެ ގޮތުން ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
އޭންޓްކިޔު މެދުވެރިކޮށް ފަސް ޕާސްޕޯޓަށް ވުރެ މަދުން ޚިދުމަތް ހޯދާނަމަ ނަންބަރު ދޫކުރާނީ ހެނދުނު 9:00 އިން 10:30 އަށް ކަމަށާއި، ޚިދުމަތް ދޭނީ 10:00 އިން މެންދުރު 3:00 އަށް ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. އަދި 6 ޕާސްޕޯޓަށް ވުރެ ގިނަ ޕާސްޕޯޓު ދޫކުރާނަމަ ނަންބަރު ދޫކުރާނީ ހެނދުނު 11:30 އިން 12:30 އަށް ކަމަށާއި، ޚިދުމަތް ދޭނީ މެންދުރު 1:15 އިން 3:00 އަށް ކަމަށް އެ އިމިގްރޭޝަނުން ބުނެ އެވެ.
އިމިގްރޭޝަނުން ދެމުން އަންނަ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ގޮތުން ޕާސްޕޯޓް ދޫކުރުމުގައި ވެސް އޮންލައިން އެޕްލިކޭޝަން، ކިޔުބީ މެދުވެރިކޮށް ނަންބަރު ނެގޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފަ އެވެ.