މި ދުނިޔޭގައި އެންމެ ދެކެން ބޭނުންވާ އެއް ދުވަހަކީ ކޮއްކޮ ރާފިޔަތު ރަމީޒާ ލަވަކިޔުން ހުއްޓާލާ ދުވަސްކަމަށް އަލީ ރަމީޒު ބުނެފި އެވެ.

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒު މިހެން ބުނެފައިވަނީ ސޯޝަލް މީޑިއާގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

ފޭސްބުކްގައި ކަރޯކޭ ޖެއްސުމާ ދެކޮޅަށް އަލީ ރަމީޒު ކުރި ޕޯސްޓަކަށް މީހަކު ކުރި ކޮމެންޓެއްގައި ވަނީ ރާފިޔަތު ރަމީޒާ ލަވަކިޔުން ރަނގަޅުތޯ އާއި އޭނާ ލަވަކިޔުން ހުއްޓުވަން ނަސޭހަތް ދޭން ބުނެފަ އެވެ.

އެ ކޮމެންޓަށް ޖަވާބު ދެމުން އަލީ ރަމީޒު ބުނީ ރާފިޔަތު ލަވަކިއުން ހުއްޓައިލުމަކީ މި ދުނިޔޭގައި އޭނާ އެންމެ ދެކެން ބޭނުންވާ އެއް ދުވަސް ކަމަށެވެ.

"ﷲ އަޅުގަޑަށް އެ ދުވަސް ދަށްކަވާށި." އަލީ ރަމީޒު ބުންޏެވެ.

އަލީ ރަމީޒަކީ ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު އަދި ހުނަރުވެރި ފަންނާނު ކަމަށް އަދިވެސް ވަރަށް ގިނަ މީހުން ގަބޫލު ކުރެ އެވެ. ނަމަވެސް އޭނާ ވަނީ މީގެ 21 އަހަރު ކުރިން، 2003 ވަނަ އަހަރު މިއުޒިކް ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފަ އެވެ.

އޭރު އަލީ ރަމީޒު ބުނެފައި ވަނީ ދެން ދުވަހަކު ވެސް މިޔުޒިކް ނުކުޅޭނެ ކަމަށާއި ކުރިން ކުރެވުނު ކަންތަކަށް ހިތާމަކުރާ ކަމަށެވެ.

ލަވަކިޔުން ހުއްޓާލުމަށްފަހު އަލީ ރަމީޒު އަންނަނީ ދީނީ ދަރުސް ދިނުމާއި އިސްލާމް ދީނަށް މީހުން ހޭލުންތެރިކުރުމަށް ތަފާތު ޕްރޮގްރާމް ހިންގަމުންނެވެ.

އަލީ ރަމީޒަށް ފަހު އޭނާގެ ކޮއްކޮ، އިބްރާހިމް ރަމީޒު (އިބޭ) ވެސް ވަނީ ލަވަ ކިޔުން ހުއްޓާލައިފަ އެވެ. އަލީ އާއި ކޮއްކޮ އިސްކޮށް ތިބެ ހިންގި "ފްރީޒް ބޭންޑް" އަކީ އޭރު އެންމެ މަޝްހޫރު ބޭންޑެވެ. އެ ބޭންޑުގެ މަގުބޫލު ކަން ވަރަށް ބޮޑުވެފައި އޮއްވާ ބޭންޑްގެ ގިނަ ފަންނާނުން އެކު އެކީ މިއުޒިކާ ދުރުވި އެވެ.