ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި ވައިގަދަވެ، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް އަނެއްކާ ވެސް ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ރަށްތަކަށް، މިރޭ 6:30 އިން ފެށިގެން 10:30 އާ ހަމައަށެވެ.
މިވަގުތުތަކުގައި ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކޮށްފައިވާ އިރު، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ވައިގަދަވެ، ކަނޑުތައް ވެސް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެ އެވެ. އެގޮތުން ރާޅުގެ އުސްމިން ހުންނާނީ 6 ފުޓާ 9 ފޫޓާ ދެމެދުގައި ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.
މޫސުމާ ބެހޭ އިދާރާއިން ވަނީ މިއަދުގެ އެކި ގަޑިތަކުގައި ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފަ އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ވެސް ނެރެފައިވެ އެވެ.
ވައިގަދަވުމުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
މިދުވަސްވަރަކީ މޫސުން ގޯސްވެ ކަނޑުގަދަ ދުވަސްވަރަކަށް ވުމާއެކު، މޫސުމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ. ޚާއްސަގޮތެއްގައި ކަނޑު ދަތުރުކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމާއި، ސަލާމަތީ ވަސީލަތްތައް ހަމަކުރުމާއި އަދި މާބޮޑަށް މޫސުން ގޯސްނަމަ ކަނޑު ދަތުރަށް ނުނިކުތުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެ އެވެ. އަދި ވިލާގަނޑުގައި އާދަޔާ ޚިލާފައި ވައިގަދަވާތީ، އޭގެ ސަބަބުން ލިބޭ ގެއްލުން ވީހާ ވެސް ކުޑަވާނެ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިރުޝާދު ދެމުންގެންދެ އެވެ.