މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ އިން ބޭރު ފައިސާގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ގޮތައް އެއްވެސްގޮތަކަށް ބޭރުފައިސާ މާރުނުކުރާ ރިސޯޓުތަކުގެ ނަން ހާމަކުރަން ނިންމައި އިއުލާންކޮށްފި އެވެ. އެ ފަރާތްތަކަކީ، ރަހާ ރިސޯޓާއި ސައުތު ޕާމް ރިސޯޓް މޯލްޑިވްސް އެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މާރުކުރަންޖެހޭ ފަރާތްތަކުން ގާނޫނާއި ގަވާއިދާ އެއްގޮތަށް މާރުކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް އެމްއެމްއޭއިން އިލްތިމާސްކުރެ އެވެ. އަދި މިހާތަނަށް އެމްއެމްއޭގައި ރަޖިސްޓްރީވެފައި ނުވާ ފަރާތްތަކަށް ފަހު ފުރުސަތު ދޭކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.
އެމްއެމްއޭ އިން ފާހަގަކޮށްފައިވާ ގޮތުން ގިނަ ރިސޯޓުތަކުން ދަނީ ގާނޫނާ އެއްގޮތަށް ބޭރުފައިސާ މާރުކުރަމުންނެވެ. އެ ގޮތުން، އެމްއެމްއޭއިން އާއްމުކޮށްފައިވާ ކޮމްޕްލަޔަންސް ރިޕޯޓުން ދައްކާގޮތުން %78 ރިސޯޓުން ޑޮލަރު މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އެންމެ އެކަށީގެންވާ ގޮތެއްގައި ޑޮލަރު މާރުކުރުމުގެ ކަންތައްތައް %20 ރިސޯޓުން ކުރިއަށް ގެންގޮސްފައިނުވާ ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މި %20 ތެރެއިން ގިނަ ރިސޯޓްތަކުން އެކި ސަބަބުތަކާ ގުޅިގެން ކޮންސެޝަނެއް ދިނުމަށް އެދިފައިވީ ނަމަވެސް އެ ފަރާތްތަކުން ވެސް ކަނޑައެޅިފައިވާ އުސޫލުން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކުރުމަށް އެމްއެމްއޭއިން ވަނީ ހަނދާންކޮށްދީފަ އެވެ.
މަރުކަޒީ ބޭންކުން އާއްމުކުރި ރިޕޯޓުގެ ކެޓަގަރީ ބީ އަށް ބަލާއިރު އެ ކެޓަގަރީގައި ރަޖިސްޓްރީވެފައިވާ ޓޫރިޒަމް އެސްޓެބްލިޝްމަންޓުގެ ތެރެއިން %48 ތަންތަނުން ފައިސާ މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި އެންމެ އެކަށީގެންވާ ގޮތެއްގައި މާރުކުރުން ކުރިއަށް ނުގެންދަނީ %15 ފަރާތްތަކެވެ. އަދި %37 ތަންތަނުން އެއްވެސް ގޮތަކަށް ޑޮލަރު މާރުކޮށްފައިނުވާކަން ވެސް އެރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މި ތަންތަނަކީ ޖުމްލަގޮތެއްގައި މެދު ފަންތީގެ ވިޔަފާރިތަކަށް ވުމާއެކު މި ފަރާތްތަކަށް ގާނޫނުގެ ތެރެއިން އިތުރު ފުރުސަތުދީ ކޮމްޕްލަޔަންސް ރަނގަޅުކުރުމަށްޓަކައި އިތުރަށް ހޭލުންތެރިކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އެމްއެމްއޭއިން ހާމަކުރެ އެވެ. ކެޓަގަރީ ބީގައި ހިމެނެނީ ގެސްޓްހައުސްތަކާއި ޓޫރިސްޓް ހޮޓާތަކާއި ސަފާރީތަކާއި ހޯމްސްޓޭ ފަދަ ތަންތަނެވެ.
ކެޓަގަރީ ސީގައި ހިމެނެނީ އަހަރެއްގެ މައްޗަށް 15 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިތަކެވެ. މި ކެޓަގަރީގައި ހިމެނޭ ތަންތަނުގެ ތެރެއިން %38 ތަނުން ޑޮލަރު މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައިވެ އެވެ. އެންމެ އެކަށީގެންވާ ގޮތެއްގައި ޑޮލަރު މާރުކުރުން ކުރިއަށް ނުގެންދަނީ %33 ވިޔަފާރިންނެވެ. މި ކެޓަގަރީގައި ހިމެނޭ %29 ތަންތަނުން އެއްވެސް ވަރަކަށް ޑޮލަރު މާރުކޮށްފައިނުވެއެވެ. މި ވިޔަފާރިތަކުން ވެސް ވަނީ ކޮންސެޝަން ހޯދުމަށް އެދިފައެވެ. އެހެންނަމަވެސް މި ވިޔަފާރިތަކަށް ވެސް ގޮތެއް ނިންމޭނީ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށްވާތީ ގާނޫނަށް އިސްލާހު ގެނައުމަށް ވަނީ ހުށަހަޅާފަ އެވެ.
ބޭރުފައިސާއާ ބެހޭ ގާނޫނުގެ ދަށުން މާރުކުރެވޭ ޑޮލަރުގެ %90 ނަގަނީ އެމްއެމްއޭ އަށެވެ. މީގެ ތެރެއިން %30 އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރެއެވެ. އަދި މިގޮތަށް ދޫކުރުމުގައި އިސްކަންދެނީ ދިވެހި ބޭންކްތަކަށެވެ.
ބޭންކުތަކަށް އަނބުރާ ދެވޭ މި %30 ބޭނުންކުރަން ޖެހޭ ވަކި ކަންތައްތަކެއް ވެސް ހުރެ އެވެ. އޭގެތެރޭގައި އާންމުންގެ އެކިއެކި ޒަރޫރީ ބޭނުންތަކަށާއި ކާބޯތަކެތި އެތެރެކުރުން ފަދަ ކަންކަމަށް ހޭދަކުރުން ހިމެނެއެވެ. އަދި މި އަދަދުގެ ބޮޑު އިންސައްތައެއް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާގެ އެހީތެރިކަން ދިނުމަށް ބޭނުންކުރެވެ އެވެ. އެހެންކަމުން ރިސޯޓްތަކުން މާރުކުރެވޭ ޑޮލަރުގެ ސީދާ ފައިދާ އާއި ލާބަ ވިޔަފާރިތަކާއި ރައްޔިތުންނަށް ދަނީ ކުރަމުންނެވެ. މީގެ އިތުރުން އެމްއެމްއޭގައި ބަހައްޓާ ޑޮލަރުގެ ތެރެއިންވެސް ބޮޑުބައި ހޭދަކުރަނީ ގައުމަށް ބޭނުންވާ އަސާސީ މުދަލާއި ގޭހާއި ތެލާއި ބޭސްފަދަ ބާވަތްތައް އިމްޕޯޓްކުރުމަށެވެ.
އަޔާޑާ މައްސަލައާ ގުޅިގެން އެމްޓީޑީސީގެ ބޯޑުން އަސާމީ އިސްތިއުފާ
ޑްރަގް މައްސަލައެއްގައި ވޮލީކުޅުންތެރިޔާ ފާޒިލް ހައްޔަރުކޮށްފި
ސިޔާސީގޮތުން ސްޓެލްކޯއަށް ވެއްދި މުވައްޒަފުންނަށް ބޮޑު މުސާރައެއް
