ކުރިއަށް އޮތް ތިން ދުވަހު ވެސް އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފި އެވެ.

މޫސުމާ ބެހޭ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅު ހިމެނޭ ސަރަހައްދަށް 10:30 އާއި ހަމައަށް ރީނދޫ އެލާޓް ވެސް ނެރެފަ އެވެ.

އެ އިދާރާއިން ބުނިގޮތުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވެ އެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނިގޮތުގައި ކުރިއަށް އޮތް ތިން ދުވަހު، އުތުރާއި މެދު ރާއްޖެތެރެއަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ އެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ލަފާކޮށްފައިވެ އެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު މެދު ރާއްޖެތެރޭގައި، ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވެ އެވެ.

ދެކުނު އަތޮޅުތަކަށް ވައިޖެހޭނީ ހުޅަނގު ދެކުނާއި، ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލުގެ ބާރުމިނުގައި ކަމަށާއި، ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.

އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ 6 ފޫޓާ 9 ފޫޓާއި ދެމެދުގައި ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ބުނެ އެވެ.

ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައް ގަދަވެ އުދައަރާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މޫސުމާބެހޭ އިދާރާއިން ބުނިގޮތުގައި މިއަންނަ ހޮނިހިރު ދުވަހުން ފެށިގެން ދެކުނުގެ ރަށްތަކަށް ކަނޑު މަޑުވެ މޫސުން މިހާރަށް ވުރެ ރަނގަޅުވާނެ އެވެ.