ގޮވާތަކެތި ނައްތާލުމާ ބެހޭ ކޯހެއް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގައި ފަށައިފި އެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓާޒްގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑާ، ކާނަލް މުހައްމަދު ޖަމްޝާދު އެވެ. މި ރަސްމިއްޔާތުގައި ސްރީލަންކާ އާމީ އިންޖިނިއާސްގެ ހެޑް އޮފް ޓްރެއިނިން، ލެފްޓިނެންޓް ކާނަލް ޗަމިކަ ޖާގޮޑަގެ އިތުރުން ކޯހުގެ އިންސްޓްރަކްޓަރުން ބައިވެރިވި އެވެ.

އެމްއެންޑީއެފްއިން ބުނީ އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ "އެޑްވާންސް އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ) ކޯސް" ގައި 27 ސިފައިން ބައިވެރިވެފައިވާ ކަމަށެވެ. އަދި މި ކޯހުގެ އިންސްޓްރަކްޓަރުންގެ ގޮތުގައި މަސައްކަތްކުރައްވަނީ މި ދާއިރާގެ ތަޖުރިބާ ލިބިފައިވާ ސްރީލަންކާ އާމީ އިންޖިނިއަރސްގެ އިންސްޓްރަކްޓަރުން ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.

އެމްއެންޑީއެފްއިން ބުނީ އެޑްވާންސް އީއޯޑީ ކޯހަކީ، ލެވެލް 3 ގެ ފެންވަރު ކޯހެއް ކަމަށެވެ.

މި ކޯހުގައި ކޮންވެންޝަނަލް އެމިއުނިޝަން ޑިސްޕޯސަލްއާއި، އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލްއާއި، އެކިކަހަލަ ނުރައްކާތެރި ހަޒާޑަސް އެއްްޗެހި ރަައްކާތެރިގޮތުގައި ނައްތާލުމާއި، އެކިކަަހަލަ ނުރައްކާތެރި ތަކެތި ދެނެގަނެ ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމުގެ ޢިލްމާއި ހިލްމު އެޑްވާންސް ފެންވަރަށް އުނގަންނައިދެވޭނެ ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.