ފިހާޅޮހި އައިލެންޑް ރިސޯޓް ކައިރިއަށް ސްނޯކްލިން އަށް ދިޔަ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ސްނޯކްލިން އަށް މޫދަށް ފޭބި ފަތުރުވެރިއަކު ގެނބިގެން އޭޑީކޭ އަށް ގެންދާ ކަމަށް މިއަދު 11:30 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަަމަށެވެ. އަދި އޭޑީކޭ އަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މަރުވެފައި ވަނީ ރަޝިއާގެ އުމުރުން 67 އަހަރުގެ ފިރިހެނެކެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ރިސޯޓެއްގައި ގެނބުނު ފަތުރުވެރިއަކު ސަލާމަތް ކުރަން ދިޔަ ދިވެއްސަކު އިއްޔެގައި ވަނީ މަރުވެފަ އެވެ. މި ހާދިސާގައި ގެނބުނު ފަތުރުވެރިޔާ ވަނީ ސަލާމަތްވެފަ އެވެ.