މަޖިލީހުގެ ރައީސް ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްގެ ނަން އެމްޑީޕީން ހުށަހަޅައިފި އެވެ.
އެމްޑީޕީގެ މެންބަރު ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެން ޒިޔާދު ހުށަހެޅި ނަމަށް ތާއީދު ކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެވެ. މީގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް ކަމަށް ހުށަހެޅީ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީގެ ނަމެވެ. އެ ނަމަށް ތައީދުކުރެއްވީ މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު އެވެ.
މަޖިލީހުގެ ރައީސް ކަމަށް ޕީއެންސީން ހުށަހެޅީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲގެ ނަމެވެ. އޭނާގެ ނަން ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެވެ. އެ ނަމަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ.
މީގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް ކަމަށް ޕީއެންސީން ހުށަހެޅީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ ނަމެވެ. އެ ނަން ހުށަހެޅީ ފޮނަަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. އެ ނަމަށް ވެސް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެންބަރު ޝުޖާއު އެވެ.
އެންމެ ފުރަތަމަ އެޖެންޑާގައި އޮތީ ވޯޓުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ބޭނުންވާ 5 މެންބަރުންގެ ކޮމިޓީއެއް ނެގުން. އެގޮތުން، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހަޅުއްވާ، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ތާއީދު ކުރެއްވި މެންބަރުންނަކީ:
- ޕީއެންސީގެ ފަރާތުން ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ
- އެމްޑީޕީގެ ފަރާތުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ
- ޖުމްހޫރީ ޕާޓީގެ ފަރާތުން މާމިނގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
- އެންއެންޕީ ގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
- އެމްޑީއޭ ގެ ފަރާތުން ވެލިދޫ ދާއިރާ ގެ މެންބަރު މުހައްމަދު އަސްބާސް
މިއަދު ހުވާކުރި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ ޖަލްސާގެ ރިޔާސަތުގައި ބަލަހައްޓަވަނީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދެވެ.