ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ޖޯޑަކީ ޝާހްރުކް ޚާންއާއި އޭނާގެ އަންހެނުން ގައުރީ ޚާން އެވެ. އެ ދެމީހުންނަކީ ދެ ދީނަށް ނިސްބަތްވާ ދެ މީހުންނެވެ. ޝާހްރުކް ޚާންއަކީ މުސްލިމެއް ކަމަށް އޭނާ ބުނާއިރު ގައުރީއަކީ ހިންދޫ ދީނަށް އުޅޭ މީހެކެވެ.

ދެ ދީނަކަށް ނިސްބަތްވާތީ އެ މީހުންގެ ކައިވެންޏަށް ވެސް ފުރަތަމަ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި އެވެ. އެގޮތުން ޝާހްރުކް ޚާންއަކީ މުސްލިމަކަށް ވާތީ ގައުރީގެ އާއިލާގެ ފަރާތުން ދެކޮޅުވެރިކަން ވެސް އަމާޒުވި އެވެ.

އެއާއެކު ކައިވެންޏަށްފަހު ގައުރީ ހިންދޫ ދީން ދޫކޮށް އިސްލާމަކަށްވެ މޫނު ބުރުގާ އަޅަން ޝާހްރުކް ޚާން މަޖުބޫރު ކުރުވި ކަމަށް ބުނެ ވެސް އަޑުތަކެއް އެރި އެވެ.

މީގެ އަހަރުތަކެއް ކުރިން ކަރަން ޖޯހަރުގެ ޝޯ "ކޮފީ ވިތު ކަރަން"ގެ އެޕިސޯޑެއްގައި ވާހަކަ ދައްކަމުން ގައުރީ ބުނީ އޭނާގެ ފިރިމީހާއަކީ މުސްލިމަކަށް ވީތީ އޭނާ އިސްލާމް ދީން ގަބޫލު ނުކުރާނެ ކަމަށެވެ.

އެއާއެކު ގައުރީ ވަނީ އެ ދެމީހުންގެ ދޮށީ ދަރިފުޅު އާރްޔަން ޚާންއަކީ އޭނާގެ ބައްޕަ ކަހަލަ މީހެއް ކަމަށާއި އޭނާއަކީ މުސްލިމެއް ކަމުގައި ސިފަކުރާ ކަމަށް ވެސް ބުނެފަ އެވެ.

ޝާހްރުކް ޚާންއާއި ގައުރީގެ ކައިވެންޏަށް މިހާރު 33 އަހަރު ފުރިފައިވާއިރު އެ ދެމީހުންނަށް ތިން ކުދިން ލިބިފައިވެ އެވެ. އެއީ އާރްޔަންގެ އިތުރުން ސުހާނާ އަދި އަބްރާމް އެވެ.