ބޮލީވުޑްގެ ވަރުގަދަ ދެ ޝަހްސިއްޔަތުން ކަމަށްވާ އަނިލް ކަޕޫރާއި ބޮނީ ކަޕޫރަކީ އެ ދާއިރާގެ ނުފޫޒުގަދަ އާއިލާއަކަށް ނިސްބަތްވާ ދެބެއިންނެވެ. އެހެން ނަމަވެސް މިފަހަކަށް އައިސް އެ ދެބެއިންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ކަމަށް އަޑުތައް ވަނީ އަރާފަ އެވެ.

އެކަން އެގޮތަށް ދިމާވާން މެދުވެރިވި ސަބަބަކީ 2005 ވަނަ އަހަރު ނުކުތް ސުޕަހިޓް ކޮމެޑީ ނޯ އެންޓްރީގެ ސީކުއްލްއިން އަނިލް ކަޕޫރަށް ޖާގައެއް ނުލިބުމުންނެވެ.

އެ ފިލްމުގައި ސަލްމާން ޚާންއާއި ފަރްދީން ޚާންއާއެކު އަނިލް ކަޕޫރު ފެނުނުއިރު ކުރިއަށް އޮތް ސީކުއަލްގެ ލީޑު ތަރިންގެ ގޮތުގައި ހަމަޖައްސާފައި ވަނީ ދިލްޖީތު ދޯސަންޖް، ވަރުން ދަވަން އަދި އަރްޖުން ކަޕޫރެވެ.

މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން "ނޯ އެންޓްރީ 2"ގެ ޑިރެކްޓަރު އަނީސް ބަޒްމީ ބުނީ ކުރިއަށް އޮތް ފިލްމުގައި އޭނާއަށް ބައިވެރިވުމުގެ ފުރުސަތު ނުލިބުމުން އަނިލް ހުރީ ވަރަށް ދެރަވެފައި ކަމަށެވެ. އެހެން ނަމަވެސް ދެބެއިންގެ ދެމެދަށް ވަންނަން ބޭނުންނުވާ ކަމަށް އަނީސް ބުންޏެވެ.

އަނިލްއާއި ބޮނީގެ ގުޅުން ހީނަރުވެފައިވާ ކަމަށް އަޑުތައް އަރާފައި ވީ ނަމަވެސް އެއީ ކީއްވެގެން ކަމެއް އެއްވެސް މީޑިއާއަކަށް އެނގިފައެއް ނުވެ އެވެ.