އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ކުށަށް އިއުތިރާފްވާން މަޖުބޫރު ކަމެއް ނެތް ކަމަށާއި ތަހުގީގަށް އެއްބާރުލުން ދޭން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައި ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

އަދީބު އެގޮތަށް ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އޭނާގެ މައްޗަށް އުފުލި ހަތް ދައުވާއެއް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގަ އެވެ. އަދީބު ވިދާޅުވީ އެ ދައުވާތަކަށް އެއްބަސްވުމަށް ދައުލަތާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދަން އޭނާއަށް މަޖުބޫރީ ހާލަތެއް ކުރިމަތިވެފައި ނެތް ކަމަށާއި ދޭންޖެހޭ އެއްބާރުލުމެއް ދެއްވަން މިހާރު ވެސް ހުންނެވީ ތައްޔާރަށް ކަމަށް ވިދާޅުވި އެވެ. އަދި ދަށު ކޯޓުގައި އޭނާ ދެއްކެވި ވާހަކަތަކުން، އެފަދަ މަޖުބޫރީ ހާލަތެއް އޮތް ކަމަށް ދޭހަވާ ނަމަ އެކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ އެތައް ބަޔަކަށް މަންފާ ލިބުނު މައްސަލަތަކެއް ކަމަށްވާތީ އެކަމުގައި އިންސާފު ގާއިމްވާން ޖެހެ އެވެ. އެކަމަށް އޭނާ ހުންނެވީ އެއްބާރުލުން ދެއްވުމަށް ކަމަށް ވިދާޅުވި އެވެ. އަދި އޭނާގެ މައްޗަށް ދަށު ކޯޓުގައި އުފުލި ދައުވާތައް އެ ކޯޓުން އަލުން ބަލަންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެ، އެގޮތަށް ނިންމަވައި ދެއްވަން އޭނާ ހައި ކޯޓުގައި އެދިވަޑައިގަތެވެ.

ވަކީލެއްގެ ހައްގު ހައި ކޯޓުގައި ދޫކޮށްލެއްވުމަށް ފަހު އެގޮތަށް އަދީބު ވާހަކަ ދައްކަވަނީ މަޖުބޫރު ކަމެއް އޮވެގެންތޯ ވިދާޅުވެ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވި އެވެ. އަދީބު ވިދާޅުވީ އެއްވެސް މަޖުބޫރު ކަމެއް ނެތް ކަމަށެވެ.

ދައުލަތުން އިސްތިއުނާފް ނުކުތާގެ ގޮތުގައި ނުވަ ކަމެއް ފާހަގަ ކުރުމަށް ފަހު އެދުނީ އެ މައްސަލަ ދަށު ކޯޓުން ބަލަން އަމުރުކޮށް ދިނުމަށެވެ. އަދީބު ވެސް އެދިވަޑައިގަތީ އެގޮތަށެވެ. ހައި ކޯޓުން މިއަދު ވަނީ އަޑުއެހުންތައް އެއްކޮށް ނިންމާލައި، ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް އިއުލާން ކުރައްވައިފަ އެވެ. އެ މައްސަލަ ހައި ކޯޓުން ނިމެންދެން އަދީބު ހުންނަވަނީ ބަންދުކޮށްފަ އެވެ.